ޕަރިނީތީގެ ފިރިމީހާ ރާގަވްއަށް މަޖިލީހުގައި ވާހަކަ ދެއްކުމަށް ދެމުން އައި ފުރުސަތު ބަންދުކޮށްފި

އިންޑިއާގެ ބަތަލާ ޕަރިނީތީ ޗޯޕްރާގެ ފިރިމީހާ އަދި ޒުވާން ސިޔާސީ ލީޑަރު ރާގަވް ޗައްދާ ރަމްޒުކޮށްދޭ އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ ރާޖްޔަ ސަބާ ލީޑަޝިޕްގެ މަގާމުން ވަކިކޮށް ޕާޓީގެ ކޯޓާގައި ވާހަކަ ދައްކަން ދެމުން އައި ފުރުސަތު ރާގަވްއަށް ބަންދުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ރާގަވްއަށް ލިބެމުން އަންނައިރު، އާމް އާދްމީ ޕާޓީން ވަނީ ރާޖްޔަ ސަބާގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ރާގަވް ވަކިކުރުމަށް ނިންމައި، އެކަން ރާޖްޔަ ސަބާގެ ސެކްރެޓޭރިއަޓަށް އަންގާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީގެ އިތުރުން، މަޖިލީހުގައި ޕާޓީއަށް ލިބޭ ވަގުތުތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތުވެސް އޭނާއަށް ނުދިނުމަށް ޕާޓީން ވަނީ އެދިފައެވެ. ރާގަވް އަކީ ރާޖްޔަ ސަބާގެ އެންމެ ޒުވާން މެންބަރުންގެ ތެރޭގައި ހިމެނޭ ލީޑަރެކެވެ. އޭއޭޕީން ވަނީ ރާގަވްގެ ބަދަލުގައި، ރާޖްޔަ ސަބާގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަޝޯކް މިއްތަލް އައްޔަންކޮށްދިނުމަށް ވެސް ސެކްރެޓޭރިއަޓުގައި އެދިފައެވެ. އަޝޯކުއާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ، މި ބަދަލަކީ ޕާޓީގެ އާންމު އުސޫލުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ. އަދި ރާގަވްއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ޕާޓީގެ ލީޑަރުންނަށް ތަފާތު ތަޖުރިބާތައް ހޯދައިދިނުމަކީ ޕާޓީން އަބަދުވެސް ކުރާ ކަމެއް ކަމަށް އަޝޯކްއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ޕަންޖާބުން ރާޖްޔަ ސަބާއަށް ހޮވިފައިވާ ރާގަވް އަކީ އާމް އާދްމީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އޭނާގެ ސިޔާސީ ދަތުރު ފެށީ 2012 ވަނަ އަހަރު ދިއްލީ ލޯކްޕާލް ބިލްގެ މަސައްކަތުގައި އަރުވިންދު ކެޖްރިވާލްއާ އެކުގައެވެ. ރާގަވް އާމް އާދްމީ ޕާޓީގެ އިސް ލީޑަރެެއް ކަމަށްވާ އަރުވިންދު ކެޖްރިވާލްއާ އެކު--ފޮޓޯ/އެންޑީޓީވީ ރާގަވް މަޖިލީހުގައި ދޭ ވަރުގަދަ ތަގުރީރުތަކުގެ ސަބަބުން ފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބެމުން އަންނައިރު މިކަމުގައި އަނބިމީހާ އަދި ބަތަލާ ޕަރިނީތީގެ ފުރިހަމަ އެއްބާރުލުމާއި ތަރުހީބު ލިބޭކަން ފާހަގަކޮށްލެވެއެވެ. އަދި އެކަން ބަތަލާ ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ހިއްސާކުރެއެވެ. ރާގަވް މަގާމުން ވަކިކޮށްފައި މިވަނީ ޕާޓީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭކަމުގެ އަޑުތައް ވެސް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ފަހަކަށް އައިސް ޕާޓީގެ މުހިންމު ސިޔާސީ ކަންކަމާ ދުރުވެ، އޭނާ އިސްކަންދެމުން އައީ، ޕެއިޑް ޕެޓަނިޓީ ލީވް، އެއަޕޯޓްތަކުގެ ކާބޯތަކެތީގެ އަގު ބޮޑުވުން، ގިގް ވޯކަރުންގެ ހައްގުތައް، ޓްރެފިކް ތޮއްޖެހުން އަދި އަންހެނުންގެ ސިއްހީ ދުޅަހެޔޮކަން ފަދަ އާންމު އިޖުތިމާއީ މައްސަލަތަކަށެވެ. މީގެއިތުރުން ޕާޓީގެ މުހިންމު ހަރަކާތްތަކުން ރާގަވް ފެނިފައި ނުވުމަކީ ވެސް ޕާޓީގެ ލީޑަޝިޕާ އޭނާއާ ދެމެދު އޮތް ގުޅުމާ މެދު އެ ޕާޓީގެ ގިނަ މެމްބަރުން ސުވާލު އުފައްދަން ޖެހުނު ސަބަބެއް ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ރާގަވް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ، އެއީ އޭނާގެ އަޑު ކަނޑުވާލުމަށް ކުރި ކަމެއް ކަމަށާއި، ނަމަވެސް އޭނާ "ބަލިނުކުރެވޭނެ" ކަމަށެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި، މި ފިޔަވަޅަކީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އަޑުއުފުލުމުން އޭނާއަށް ދިން އަދަބެކެވެ. ވެރިކަންކުރާ ބީޖޭޕީގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ރާގަވް ބުނީ، މިއީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިހުންނާނެ ކަމަށް އޭނާ ރާގަވްގެ ވީޑިއޯގައި ވަނީ ވައުދުވެފައެވެ. މަޖިލީހުން ސަސްޕެންޑް ކުރުމާއި ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ވަކިކުރުމާ ގުޅިގެން ރާގަވް އެކަން ސިފަކުރީ، ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމުން އޭނާ ދައްކަންޖެހުނު "އަގު"ގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ