މެރީ ކޮމްގެ 20 އަހަރުވީ ކައިވެނި ރޫޅާލީ މިހެންވެ
އިންޑިއާގެ ކުޅަދާނަ ބޮކްސިންގް ކުޅުންތެރިޔާ މެރީ ކޮމް އޭނާގެ 20 އަހަރުވީ ކައިވެނި ރޫޅާލުމަށް ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށް ބުނެފިއެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި 43 އަހަރުގެ ބޮކްސިންގް ކުޅުންތެރިޔާ ބުނީ ފިރިމީހާ އޯންލާ ކޮމްގެ ގާތުން ވަރިވާން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. ދެ މީހުންގެ ކައިވެންޏަށްފަހު ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދިޔައީ އޮމާންކޮށް ކަމަށާއި ނަމަވެސް ކައިވެނީގައި މައްސަލަ ޖެހެން ފެށީ މެރީ ކޮމްއަށް ލިބޭ އާމްދަނީ އާއި ޚަރަދުތަކުގެ ހިސާބުތައް އޭނާއަށް އެނގެންފެށި ހިސާބުން ކަމަށް މެރީ ވަނީ ބުނެފައެވެ. މެރީ ކޮމް ކުރީގެ ފިރިމީހާ އޯންލާ ކޮމްއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް މެރީ ކޮމްއަށް 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ބޮކްސިންގް ކުޅުމުގެތެރޭގައި ލިބުނު އަނިޔާ އާ ގުޅިގެން ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ވަރަށް ގިނަ ދުވަހު ގޭގައި އިންނަން ޖެހުނު ކަމަށާއި އޭނާގެ ދިރިއުޅުމުގެ ހަގީގަތް އަސްލަށް ފެންނަން ފެށީ އެ ދުވަސްވަރު ކަމަށް ބޮކްސިންގް ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިޔާ ވަނީ ބުނެފައެވެ. ގޭގައި އެނދުމަތިވެ އޮންނަން ޖެހުނު ދުވަހު, އަދި ފިރިމީހާއަށް އެންމެ ބޭނުންވި ދަނޑިވަޅުގައި ފެނުނީ މުޅިން ބަދަލުވެފައިވާ މީހެއް ކަމަށާއި ފިރިމީހާ ވަނީ އޭނާގެ ފައިސާތަކަށާއި މުދާތަކަށް ޚިޔާނާތްތެރިވެފައި ކަމަށް މެރީ ވަނީ ބުނެފައެވެ. މެރީއަށް ބޮކްސިންގް ކުޅެގެން ލިބެމުންދިޔަ އާމްދަނީ ފިރިމީހާ އޯންލާއާ ހަވާލުކުރީ ވަރަށް އިތުބާރުކޮށްފައި ކަމަށާއި ނަމަވެސް ފަހުން އެނގުނު ގޮތުގައި މެރީ އާއި ކުދިން ދިރިއުޅުނު ގެ ވެސް ފިރިމީހާ ވަނީ އޮޅުވާލައިގެން އަމިއްލަ ނަމަށް ބަދަލުކޮށްފައި ކަމަށް މެރީ ވަނީ ބުނެފައެވެ. އޭގެ އިތުރުން އެތައް ކްރޯޑު ރުޕީސްގެ ލޯން ނަގައި މެރީގެ ނަމުގައި ހުރި އެހެނިހެން ޕްރޮޕަޓީތައް ފިރިމީހާ އޯންލާ ވަނީ މޯގޭޖްކޮށްފައިކަން ވެސް ފަހުން ފަޅާއެރި ކަމަށް މެރީ ވަނީ ޕީޓީއައިއަށް ދިން އިންޓަވިއުގައި ކިޔައިދީފައެވެ. ކައިވެނި ރޫޅާލުމަށްފަހު ދެ އަހަރުވަންދެން ދެ މީހުންގެ ވަރީގެ ވާހަކަ އޮތީ ސިއްރުކޮށްފައި ކަމަށާއި ނަމަވެސް އެކަން އާއްމުންނަށް އެނގި ބަޔަކު މީހުން ސޯޝަލް މީޑިއާގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ މެރީއަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން އެއްޗެހި ގޮވާފައިވާ ކަމަށް މަގުބޫލު ބޮކްސިންގް ކުޅުންތެރިޔާ ވަނީ ބުނެފައެވެ. މެރީގެ ކައިވެނީގައި އޭނާ އަކީ ވިލެންއެއްގެ ގޮތުގައި ސިފަކުރަން ބަޔަކު މީހުން މަސައްކަތް ކުރުމުން އެންމެފަހުން ބޭނުންވީ ހަގީގަތް އާއްމުންނަށް ކިޔައިދޭން ކަމަށް ވެސް ވަނީ ބުނެފައެވެ. ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވާއިރު މިހާރު އެންމެ އިސްކަމެއްދެނީ އެ ކުދިން ރަނގަޅު ގޮތުގައި ބޮޑުކޮށް މުސްކުޅިވެ އުމުރުން ދުވަސްވެފައިވާ މައިންބަފައިންގެ ޒިންމާ ނެގުމަށް ކަމަށް މެރީ ވަނީ ބުނެފައެވެ. އެހެންވެ އޭނާ އެއްވެސް ބަޔަކަށް ޖަވާބުދާރީވެ އެ ބަޔަކާ ދެކޮޅަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅަން ބޭނުންނުވާ ކަމަށް ވަނީ ބުނެފައެވެ. އިންޑިއާގެ ބޮކްސިންގް ދާއިރާއިން އަންހެނުންނަށް ވެސް ކުރިއަށްދެވޭނެކަން ސާބިތުކޮށް ޤައުމަށް ރީތި ނަން ހޯދައިދިން ކުޅަދާނަ ކުޅުންތެރިޔާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް "މެރީ ކޮމް"ގެ ނަމުގައި ބޮލީވުޑް ފިލްމެއް ވެސް ވަނީ އުފައްދާފައެވެ. އެ ފިލްމުގައި މެރީ ކޮމްގެ ކެރެކްޓާ ކުޅުނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ