ވަޒީފާ ހޯދައިދިނުން މެންބަރަށް، ސަރުކާރު ޖަވާބުދާރީކުރުވުން ކައުންސިލަށް: ޒިންމާގެ އޮޅުންބޮޅުމެއްތަ؟
ދިވެހީންނަކީ އާ ކަންކަން ވަރަށް ތަޖުރިބާކުރާ ހިތްވާ ބައެކެވެ. ހުޅަނގުން ރާއްޖެއާ ހަމައަށް ފޯރި ޑިމޮކްރަސީގެ ގަދަ ވައިރޯޅިއާ އެކު ސިޔާސީ މަސްރަހަށް އަންނަ ކުއްލި ބަދަލުތަކުން ވެސް އެ ކަމަށް ބާރުދެޔޭ ބުނެވިދާނެއެވެ. އެކި ދިރާސާތަކުން ވެސް ބުނެދޭ ހަގީގަތަކީ އެއީއެވެ. އިންސާނުންގެ ތެރެއިން ގިނަ ބަޔަކު އާ ކަންކަން ތަޖުރިބާކުރަން ބޭނުންވާ ކަމެވެ. ދައްކާ ކޮންމެ އާ ވާހަކައަކަށް އިތުބާރުކުރަން ގިނަ މީހުންނަށް ފަސޭހަވަނީ އެހެންވެއެވެ. ސިޔާސީންނަށް ބޭނުންކުރަން ލިބޭ އެއް ހަތިޔާރަކީ ވެސް އެއެވެ. އިންތިޚާބީ މަގާމަކަށް ރައްޔިތުން ވަކި ބަޔަކު ހޮވަން ވީމާ، އެއީ ވަކި ކަމެއް ކޮށްދޭން ނުވަތަ ކުރަން ހޮވަން ވިސްނައިދެނީ ވެސް ސިޔާސީ ބޭފުޅުންނެވެ. އެކަމަކު މި ސިޔާސީ ބޭނުމަށް ޓަކައި އޮޅުވައިލާ އެތައް ކަމެއްގެ ތެރެއިން ދައުލަތުގެ ތިން ބާރުގެ ޒިންމާއާއި، އިންތިޚާބީ މަގާމުތަކުގެ ޒިންމާ އޮޅޭ އެތައް ވާހަކައެއް އެބަދެކެވެއެވެ. ކުރިއަށް އޮތީ، ދެން އޮތް ފަސް އަހަރަށް ރާއްޖޭގެ ލޯކަލް ކައުންސިލުތައް އެތުރޭނެ ކުލަބަރީގެ ގޮތް ނިންމާ އިންތިޚާބެވެ. އެކި ފަރާތްތަކުން ދައްކަނީ އެކި ވާހަކައެވެ. ކައުންސިލްތަކާއި ކައުންސިލަރުންގެ ޒިންމާއާ މެދު އެކި މީހުން ދައްކަނީ އެކި ވާހަކައެވެ. އޮތީ ހުސް އޮޅުމެވެ. ހަގީގަތުގައި ޒިންމާއަކީ ކޮބައިހެއްޔެވެ؟ މީގެ ކުރީގެ އިންތިޚާބެއްގައި ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް ރާއްޖޭގައި ދައުލަތުގެ ތިން ބާރު: މަސްހުނިވެ އޮޅުންބޮޅުންވެފައި! ދައުލަތެއް އެކުލެވެނީ މައި ތިން ބާރުގެ މައްޗަށެވެ. އެއީ، ވެރިކަމުގެ ބާރާއި، ގާނޫނު ހަދާ ބާރާއި، އަދުލު އިންސާފުގެ ބާރެވެ. މިއިން ކޮންމެ ބާރެއްގެ މަސައްކަތް ދައުލަތެއްގެ ތެރޭ ތަރުތީބުވެފައި އޮންނަނީ، އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ މައްޗަށެވެ. އެއް ބާރު އަނެއް ބާރުގެ ތެރެއަށް ނުވަންނާހެންނެވެ. ވެރިކަމުގެ ބާރުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ބާރުގެ ޒިންމާއަކީ ސަރުކާރުގެ މައި ނިންމުންތައް ނިންމުމާއި، ތަންފީޒުކުރުމެވެ. ސަރުކާރު ހިންގުމެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އެހާ ބައިވަރު ބާރުތަކެއް ލިބެނީ ކޮންމެހެން 'ހިތުހުރި' ކަންތައްތަކެއް ކުރާށެއް ނޫނެވެ. ނަމަވެސް ރައީސެއްގެ ނިންމެވުންތަކާއި، ތަންފީޒުކުރައްވާ ސިޔާސަތުތަކުގެ ދެފުށް މި ރާއްޖޭގައި ފެންނަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ދެން އޮތީ ރައްޔިތުންގެ މަޖިލީހެވެ. ރާއްޖޭގައި އެއީ ރިޔާސީ ދައުރެއް ކާމިޔާބުކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް "ހިބައިން" ލިބޭ ތަނެކެވެ. އެ ރައީސެއްގެ ބާރު ހިނގާ މެންބަރުންނަށް ކޮންމެހެން ދޭންޖެހޭ ތަނެކެވެ. މިދިޔަ ތިން މަޖިލީހުން ވެސް ފެނުނީ އެ މަންޒަރެވެ. އެކަމަކު ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމުގައި، މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ވާން އޮންނަ ހަމައެކަނި ތަނެވެ. ސަރުކާރުގެ ވަޒީރުން ހާޒިރުކޮށް، ސުވާލުކުރަން ފުރުސަތު ލިބޭ ހަމައެކަނި ތަނެވެ. ވެރިކަމުގެ ބާރުން ކުރާ ކޮންމެ ކަމަކާ މެެދު ފާރަވެރިވާން އޮންނަ ތަނެވެ. ވެރިކަމުގެ ބާރުން އޮޅުވައިލުމެއް އޮޅުވައިލަން އުޅޭނަމަ އެކަމެއް ހުއްޓުވަން ތިބޭ އެއްބަޔަކީ ހަގީގަތުގައި މަޖިލިސް މެންބަރުންނެވެ. ވައްކަން ކުރަން އުޅޭ ވަގަށް، ގޭގެ ތަޅުދަނޑި ވެސް ދިނީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުން އިންތިޚާބުކުރާ ބާރުތަކުގެ ޒިންމާ އޮޅެނީ މިހާ ހިސާބުންނެވެ. ދެން އޮތީ ފަނޑިޔާރު ގެތަކެވެ. އެއީ އަދުލާއި އިންސާފު ގާއިމްކުރުމުގެ މައި ބާރެވެ. ކޮންމެހެން ވެސް ސިޔާސީންގެ ނުފޫޒުން މިނިވަން ވާންޖެހޭ ތަނެކެވެ. ވަކި މަސްލަހަތެއް ކުރިއެރުވުމުގެ ފުރުސަތު އޮންނަ އެންމެ މީހެއްގެ ހިޔަނި ވެސް ފަނޑިޔާރު ގެތަކާއި، ފަނޑިޔާރުންނަށް އެޅިގެން ނުވާނެއެވެ. ނަމަވެސް، ރާއްޖޭގައި ކަން ވަނީ ކިހިނެއް ހެއްޔެވެ؟ ވެރިކަމުގެ ބާރު ވެސް، އެ ބާރު ޖަވާބުދާރީކުރުވަން އޮންނަ މަޖިލިސް ވެސް ރުހުމުގެ ލޮލަށް އައިބު ނުފެންނަ ބަޔަކަށް ދިނީމާ، ދެން ޖުޑިޝަރީއަށް ވެސް "އަތް ބާނަނީ"އޭ ބުނާކަމުގެ އަޑުތަކާއި ތުހުމަތުތައް ގިނަވަނީއެވެ. ރައްޔިތުންގެ މަޖިލީޙުގެ ތަޅުން -- ފޮޓޯ: މަޖިލިސް މަޖިލިސް މެންބަރަކު މި ހޮވަނީ "ބޭސް ސިޓީއަށް ބޭސް ހޯދައިދޭން"ތަ؟ ހަގީގަތުގައި އިންތިޚާބީ މަގާމުތަކުގެ ދައުރު އޮޅެނީ މިހާ ހިސާބުންނެވެ. މަޖިލިސް މެންބަރުންނާ ހިސާބުންނެވެ. ކޮންމެ މަޖިލިސް އިންތިޚާބެއްގައި މެންބަރުން ހޮވަންޖެހޭ ސަބަބަކީ، ދާއިރާގެ ގެތަކަށް ހަނޑޫ, ހަކުރު, ފުށް, ހަދިޔާކުރުން ކަމުގައި ވުމެވެ. މަޖިލިސް މެންބަރުގެ ޒިންމާއަކީ އާންމު ރައްޔިތު މީހާއަށް ޑޮކްޓަރު އެޕޮއިންޓްމަންޓު ހަމަޖައްސަން ސީދާ ހެލްތު މިނިސްޓަރަށް ގުޅަން ޖެހުމަށް ހެދުމެވެ. ވަޒީފާ ގަނޑެއްހައި ހިސާބު ވެސް މަޖިލިސް މެންބަރު މެެދުވެރިނުކޮށް ނުލިބޭ ހިސާބުގައި ކަންކަން އޮތުމެވެ. "ހަގީގަތުގައި މި ކަން މި ވަނީ ކެނޑިޑޭޓުން ވެސް މިކަމަށް ފުރުސަތު ދޭތީ. ރާއްޖޭގައި ވަރަށް އާންމު ކަމެއް ނޫންތޯ މިހާރު ވޯޓު ހޯދަން އައީމާ ފައިސާއަށް ކިޔުމަކީ؟ 500 އެއް، ހާހެއް، ދެ ހާހެއްހާ ރުފިޔާ ދިނީމާ ނޫނީ ތިކަން ނުވާނޭ ބުނެފައި ވޯޓު މި ވިއްކައިލަނީ. ފައިސާ ހުރިއްޔާ އެ ކެނޑިޑޭޓަކަށް މި ގޮތް މިއީ މާ ފަސޭހަ ގޮތެއް. ސިޔާސަތު ވިއްކައިގެން މަގާމަށް ހޮވުމަށްވުރެ،" ގުޑްގަވަނަންސްގެ ދާއިރާ ދަންނަ އިލްމީ ބޭފުޅަކު ވިދާޅުވިއެވެ. ކެނޑިޑޭޓުން ވެސް ޒިންމާދާރުނުވުމާއި، ބާރުތަކުގެ ޒިންމާތަކާމެދު ހޭލުންތެރިނުވުމާއި، ނަޒާހާތްތެެރިކަން އެއްކިބާވުމުގެ ނަތީޖާއަކަށް ވަނީ ވެރިކަމުގެ ބާރު ޒިންމާދާރުކުރަން އޮންނަ މަޖިލީހެއްގެ ބަދަލުގައި، އާންމު ރައްޔިތު މީހާގެ ބޭސް ސިޓީއަށް ބޭސް ހޯދަން ދެކޮޅަށް "ދުވަންޖެހޭ" މެންބަރަކު ހޮވުމެވެ. މަޖިލީހެއް ހޮވުމުގެ ހަގީގީ މަގްސަދު ގެއްލެނީއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ މަޖިލީހެއްގެ ބަދަލުގައި، ސަރުކާރާއި މަޖިލިސް އެއްވެ، ސަރުކާރު ޖަވާބާދާރީ ކުރުވާނެ ބަޔަކު ނެތި، ވެރިކަމުގެ ބާރު "މާސިންގާ" ބާރަކަށް ވަނީއެވެ. ކައުންސިލަރުންގެ މަހާސިންތާއެއްގެ ތެރޭ ކައުންސިލަރަކު އަތްމަތީ ހުޅުވައިލައިގެން --- ކައުންސިލުތައް މި ހޮވަނީ ސަރުކާރު ފަހައި ދުވަންތަ؟ ދެން އޮތީ ކައުންސިލްތަކެވެ. މިއީ ރާއްޖޭގައި، އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނެ އަދި އެ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކަންކަމުގައި، ސިޔާސަތުތައް ކަނޑައަޅައި ގޮތް ނިންމާ މީހުންނެވެ. ކޮންމެ ފަސް އަހަރަކަށް ކައުންސިލްތަކަށް، ރައީސުންނާއި، މޭޔަރުންނާއި، ކައުންސިލަރުން އިންތިޚާބު ކުރަނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ރައްޔިތުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ ޒިންމާތައް އޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އޭގައި ހުރީ އެ ތަނެއްގައި ހުރި ކައުންސިލް އިދާރާތަކާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމާއި، ތަރައްގީގެ ޕްލޭން އެކުލަވައިލުން ފަދަ ކަންކަމެވެ. އެއީ ސަރުކާރެއް "ފަހައި ދުވަން" ހޮވަންޖެހޭ ބައެއްކަމަށް އެ ގާނޫނަކު ނެތެވެ. ނަމަވެސް ބައެއް ސިޔާސީ ބޭފުޅުންގެ މެދުގައި އެކަމުގައި ވެސް މި އޮތީ ބަހުސެކެވެ. https://sun.mv/216285 އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، އެ ޕާޓީގެ މާލޭ މޭޔަރުގެ ޕްރައިމަރީ ކެމްޕޭންގެ ޖަލްސާއެއްގައި ވިދާޅުވި ގޮތުގައި، މާލޭގެ މޭޔަރަކީ ކޮންމެ ދުވަހަކު ސަރުކާރު ހޫނު ފެނަށް ލެވޭނެ މީހަކަށް ވާން ޖެހެއެވެ. މާނައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްކުރަން ހޮވާ މީހާއަކީ، ރައްޔިތުންގެ މަޖިލިސް މެންބަރުގެ ޒިންމާ ވެސް އަދައިކުރަން، ދައުލަތް ޖަވާބުދާރީ ކުރަންޖެހުމެވެ. " "އެކަން [ސަރުކާރު ހޫނުފެނަށް ލެވޭނީ] ކުރެވޭނީ މާލެ ސިޓީގައި އަޅުގަނޑުމެންގެ މޭޔަރަކު ހުރެގެން. އެ މޭޔަރަކީ ކޮންމެ ދުވަހަކު މި ސަރުކާރު ހޫނު ފެނަށް ލާނެ މީހަކަށް ވާން ޖެހޭ.،" މި މަހުގެ ހަތަރުވަނަ ދުވަހު ފައްޔާޒު ވިދާޅުވިއެވެ. އެއާ ޚިލާފަށް، ހަމަ އެ ޕާޓީގެ އިސް މެންބަރެއްކަމަށްވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރުގެ ޚިޔާލުފުޅު ވަރަށް ތަފާތެވެ. "ސަރުކާރު ޖަވާބުދާރީ ކުރުވަންށޭ، ރައީސް [ޑރ. މުޙައްމަދު] މުއިއްޒުގެ ފަހަތުން ދުވަންށޭ. ނޫން. އަޅުގަނޑުމެން މޭޔަރެއް ހޮވަނީ ރައީސް މުއިއްޒުގެ ފަހަތަކުން ދުވާކަށެއް ނޫން. އަޅުގަނޑުމެން މޭޔަރެއް މި ހޮވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށެއް ވެސް ނޫން. އަޅުގަނޑުމެންގެ ގާނޫނުއަސާސީ އޮންނަނީ ވަރަށް ރަނގަޅަށް ތަރުތީބުކޮށްފައި ކޮންބައެއްގެ ޒިންމާއަކީ ކޮބައިކަން. ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް،" ފައްޔާޒުގެ ވާހަކަތަކަށް ހަތަރު ދުވަސްފަހުން، މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ރޮޒައިނާ ވިދާޅުވިއެވެ. https://sun.mv/216473 ރޮޒައިނާ ވެސް ގާނޫނު އަސާސީއާ ހަވާލާ ދެއްވައި އެ ރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބުނި ކަމެއް ކުރަންޖެހޭ ތަނެއް ވެސް ނޫން ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ތަން ކަމަށެވެ. އަދި އެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީވާންޖެހޭތަން ކަމަށް ވިދާޅުވިއެވެ. އެއާ ޚިލާފަށް ކައުންސިލްތަކަކީ ސަރުކާރަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ސަބަބަކީ އެއީ ސަރުކާރުން ބަޖެޓެއް ދީފައި ރައްޔިތުންނަށް ޚިދުމަތްކުރަން ހުންނަ ތަނަކަށް ކައުންސިލްތައް ވާތީކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ޕޮލިޓަކަލް ސައިންސްގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ވެސް ލޯކަލް ކައުންސިލްތަކުން ވެރިކަމުގެ ބާރުގެ ފަހަތުން ދުވަން މަސައްކަތް ކުރުމަކީ ގޯސް ޚިޔާލެކެވެ. "ލޯކަލް ކައުންސިލަކީ، ސިޔާސީ ޕާޓީއެއް ނޫން. އެކަމަކު އެ މީހުންނަށް ވެސް ކޮންމެވެސް މިންވަރަކަށް ދާއިރާގެ ތެރެއިން މަސައްކަތް ކުރެވިދާނެ ސަރުކާރު ޖަވާބުދާރީކުރުވަން. އެ މީހުން އިންތިޚާބުވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭން، ތިން ބާރުގެ ވަކިވުމަށް އިހްތިރާމް ކުރަންވާނެ، " އޭނާ ވިދާޅުވިއެވެ. 2022ވަނަ އަހަރު ބޭއްވި ވިއަވަތި ކޮންފަރެންސްގައި މިހާރު ދައުރު ހަމަވަމުން އަންނަ ކައުންސިލަރުންތަކެއް -- ފޮޓޯ: ރައީސް އޮފީސް އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަކީ، ސަރުކާރުގެ ދަށުން، ހިންގާ ލޯކަލް ގަވަނަންސް މިނިސްޓްރީއާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ޖަވާބުދާރީވާން ޖެހޭ ބައެކެވެ. އެހެންކަމުން ސަރުކާރުގެ ވުޒާރާއެއްގެ ދަށުން ހިންގާ އިދާރާއަކަށް ޖަވާބުދާރީވާން ޖެހޭ ބަޔަކު، ސަރުކާރު ޖަވާބުދާރީކުރުވަން އުޅުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް އެއްބަސްވެވަޑައިގަންނަވައެވެ. ސަރުކާރު ޖާބުދާރީ ކުރުވަން ކައުންސިލުތަކުން ނިކުތުމަކީ ގޯހެއްކަމަށް އެ މަނިކުފާނު ވެސް ދެކެވަޑައިގަންނަވައެވެ. ކައުންސިލުތަކުން ސަރުކާރާ ދެކޮޅަށް ނިކުންނަ ނަމަ ހުއްޓޭނީ އެ ރަށަކަށް އަންނަ ތަރައްގީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ގިނަ ބަޔަކު އެއްބަސްވާ ހަގީގަތަކީ ކައުންސިލްތަކަކީ، ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީއަށް މަސައްކަތްކުރަން ތިބެންޖެހޭ ބައެއް ކަމެވެ. ރަނގަޅު ނިންމުމެއް ނިންމޭނީ ރައްޔިތުން ހޭލައިގެން ބާރު އޮތީ ރައްޔިތުންނަށެވެ. ނަމަވެސް އެ ބާރު ބޭނުންކުރަންވީ ގޮތް ދަސްކޮށް ހޭލުންތެރިވުމަކީ، ލިބޭ ބާރުގެ ފުރިހަމަ ބޭނުން ހިފަން އަދި ކުރުން މާ މުހިންމު ކަމެކެވެ. ހަގީގަތުގައި ވެސް މުޖުތަމައެއްގައި ސިޔާސީ ވެރީންގެ މައްޗަށް ރައްޔިތުންގެ ބާރު ގަދަވާނީ، ރައްޔިތުން ހޭލުންތެރިވި މިންވަރަކަށެވެ. ވަކި ފިކުރެއް ގަބޫލުކުރިއަސް ކުރަންވާނީ ނިޒާމީ ހަގީގަތްތަކާ މެދު އަމިއްލަ ބުއްދިން ވިސްނޭހާ ދަރަޖައަކަށެވެ. އަންނާން ހުރި އިންތިޚާބުތަކުގައި ލާ ވޯޓަކީ، ފައިސާ ކޮޅަކަށް ވިއްކައިލައި އެއްޗަކަށް ނުހަދަންވީ އެވެ. ނުވެސް ނެތް ޒިންމާއެއް އަދައިކުރަން "ނަމަކަށް" ސިޔާސީ ބޭނުމަކަށް ހޮވާ މީހަކަށް ނުހަދަންވީއެވެ. ވަޒީފާއެއް ހޯދައިދޭނެ މެންބަރަކު ހޮވައިހާ ދުވަހަކު، އަދި ސަރުކާރު ފަހައި ސިޔާސީ ހަރުގެއެއް ހިންގަން ދުވާނެ ކައުންސިލަރަކު ހޮވަން އުޅޭހާ ދުވަހަކު މި ތިބެވެނީ އިންތިޚާބީ މަގާމުތަކުގެ ޒިންމާއާ މެދު އޮޅުންބޮޅުމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ