ސެމެންޔޯގެ ގޯލާ އެކު މޮޅުވެ ސިޓީ ފައިނަލާ ގާތަށް ސެމެންޔޯގެ ގޯލާ އެކު މޮޅުވެ ސިޓީ ފައިނަލާ ގާތަށް

ނިއުކާސަލް (ޖެނުއަރީ 14) - އިނގިރޭސި ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ބޯންމައުތު ދޫކޮށް ސިޓީ އަށް ބަދަލުވިތާ ހަފްތާއެއް ތެރޭގައި، ސެމެންޔޯ މި ވަނީ ޖެހިޖެހިިގެން ދެ މެޗުގައި ލަނޑު ޖަހައިފަ އެވެ. އެންމެ ފުރަތަމަ އެކްސެޓާ ކޮޅަށް އެފްއޭ ކަޕްގައި ލަނޑު ޖެހިއިރު، ލީގު ކަޕް ސެމީ ފައިނަލުގައި ރޭ ނިއުކާސަލް ދަނޑުގައި ސެމެންޔޯ ވަނީ 53 ވަނަ މިނިޓްގައި، ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ލަނޑު ޖަހައި، ލީޑުނަގައިދީފަ އެވެ.
އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގައި، ސިޓީން ދެ ވަނަ ލަނޑު ޖެހީ ރަޔާން އަޔަތު-ނޫރީ ދިން ބޯޅައަކުން ރަޔާން ޗާކީ ވައްދާލި ގޯލުންނެވެ.
މި މެޗުގައި، ނިއުކާސަލަށް ލަނޑެއް ޖަހައިދޭން ޔޮއާން ވިއްސާ ބޮލުން ފޮނުވާލި ހަމަލާއެއް ސިޓީގެ ގޯލު ބެލެހެއްޓި ޖޭމްސް ޓްރަފޯޑް މަތަކުރި އެވެ. އަދި، ނިއުކާސަލްގެ ކެޕްޓަން، ބްރޫނޯ ގިމާރޭސް ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވި އެވެ.
ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮތްއިރު، އެ މެޗުން ނިއުކާސަލް އަށް ނަތީޖާ އަނބުރާނުލެވިއްޖެނަމަ، ސިޓީ އަށް 2021 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކަޕް ފައިނަލުން ޖާގަ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ