ޖޭއެސްސީއަށް މިދިޔަ އަހަރު 261 މައްސަލަ: 18 މައްސަލަ ނިންމިއިރު ފިޔަވަޅު އެޅީ 7 މައްސަލައިގައި
ނިމުނު އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް 261 މައްސަލައެއް ހުށަހެޅިއިރު، 18 މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވަނީ އެންމެ ހަތް މައްސަލައިގައިކަން އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖޭއެސްސީން އާއްމުކުރި މިދިޔަ އަހަރުގެ ގާނޫނީ މައްސަލަތަކާއި ތަހުގީގުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޝަކުވާގެ ގޮތުގައި ވަނީ 261 މައްސަލައެއް ހުށަހަޅައިފައެވެ. އެއީ، އޭގެ ކުރިން 2024 ވަނަ އަހަރާ އަޅާ ބަލާއިރު 45.81 ޕަސެންޓުގެ އިތުރުވުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ޝަކުވާގެ ގޮތުގައި ހުށަހެޅީ 179 މައްސަލައެކެވެ. ނަމަވެސް، 2023 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ހުށަހެޅި ޝަކުވާގެ އަދަދު މަދެވެ. އެގޮތުން، 2023 ވަނަ އަހަރު ހުށަހެޅީ 314 ޝަކުވާއެވެ. ނިމުނު އަހަރުގައި ޖޭއެސްސީން ވަނީ 87 ތަހުގީގެއް ހިންގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ތަކުގައި ނުނިމި ހުރި 15 މައްސަލައަކާއި، 72 އާ މައްސަލައެވެ. https://x.com/MaldivesJSC/status/2010607489054847395 މުޅި އަހަރު ތެރޭގައި ޖޭއެސްސީން ބަލައި ނިންމީ އެންމެ 18 މައްސަލައެވެ. އޭގެ ތެރޭގައި ހިމެނެނީ ސާބިތުވި އަށް މައްސަލައަކާއި ސާބިތުނުކުރެވޭ 10 މައްސަލައެކެވެ. މައްސަލަތައް ބަލައި ޖޭއެސްސީން މިދިޔަ އަހަރު ފިޔަވަޅު އަޅާފައިވަނީ ހަތް ކަމެއްގައެވެ. އޭގެ ތެރެއިން ތިން މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައެވެ. އަނެއް ދެ މައްސަލައަކީ އެތިކްސް ޓްރެއިނިން ފުރިހަމަ ކުރުމަށް ލަފާ ދީފައިވާ މައްސަލަތަކެވެ. އަދި، ސަސްޕެންޑުކުރުމުގެ ދެ މައްސަލައެއް ވެސް ހިމެނެއެވެ. ޖޭއެސްސީގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން މިދިޔަ އަހަރު 71 ބައްދަލުވުން ބާއްވާފައިވާއިރު 141 މުއާމަލާތެއް ވަނީ ސިޓީއާއި ލިޔުމުގެ ގޮތުގައި އެކި އިދާރާތަކާއި މުއައްސަސާތަކާ ބަދަލުކޮށްފައެވެ. އޭގެ އިތުރަށް މިދިޔަ އަހަރު ނިމުނުއިރު އެ ކޮމިޓީގައި 37 ޝަކުވާއެއް އޮތީ ރިވިއު ކުރުމުގެ މަރުހަލާގައެވެ. އެއީ މަސައްކަތުގެ 14.18 ޕަސެންޓެވެ. އަދި، 73 ޝަކުވާ ވަނީ ތަހުގީގު ކުރުމަށް ފޮނުވައިފައެވެ. އެއީ މަސައްކަތުގެ 27.97 ޕަސެންޓެވެ. ހަމައެއާއެކު މަސައްކަތުގެ 57.85 ޕަސެންޓަކީ ޝަރުއީ މައްސަލައަކަށް ނުވާ 151 ޝަކުވާ ބެލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ