ކުނިތަކެއްގައި ރޯވެ އަމާން ދޯދި ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ދޯދި ޓަވަރު އެކެއްގައި ގްރައުންޑް ފްލޯގައި ހުރި ކުނިތަކެއްގައި ރޯވެ، މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ ކޯޕަރޭޝަނުން ބުނީ މި ހާދިސާ ހިނގާފައިވާނީ އަމާން ދޯދި ޓަވަރު އެކެއްގެ ގްރައުންޑް ފްލޯގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ. މި ހާދިސާ ރިޕޯޓުކުރުމާއެކު އެމްއެންޑީއެފްގެ ފަޔާ ރެސްކިއުއިން ވަގުތުން ހަރަކާތްތެރިވެ އަލިފާން ނިވައިލި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި މިހާރު އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ މި ހާދިސާއާ ގުޅިގެން އެ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް އަންގަންޖެހޭ މަޢުލޫމާތު ކޯޕަރޭޝަންގެ ރަސްމީ ވައިބާ ގްރޫޕްތަކުން ހިއްސާކޮށްފައިވާ ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތައް ލިބިފައިވާ ގެއްލުން ދެނެގަނެ ކުރަންޖެހޭ މަރާމާތު ދެނެގަތުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބުންޏެވެ. މީގެ އިތުރުން، އިމާރާތުގެ ވެންޓިލޭޝަން ގޮޅިތަކާއި ކުނި އުކާލާ ނިޒާމާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ ބައެއް ގްރޫޕްތަކުގައި ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ. އެހެންކަމުން، މިފަދަ ހާދިސާތަކާ ގުޅިގެން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެދޭކަމަށް ބުންޏެވެ. އަދި ރިއާޔަތްކުރަންވާނީ އެފްޑީސީގެ ރަސްމީ ސޯޝަލްމީޑިޔާ ޕްލެޓްފޯމްތަކުގެ އިތުރުން އެ ކޯޕަރޭޝަނުގެ ރަސްމީ ވައިބާ ގްރޫޕްތަކުން ހިއްސާކުރާ މަޢުލޫމާތުތަކަށް ކަމަށް ވެސް ބުންޏެވެ. ކުރިއަށް އޮތްތަނުގައިި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކުނި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދު ފިޔަވައި އެހެން ތަންތަނަށް ކުނި އުކާލުމަކީ މަނާކަމެއްކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. އަލިފާނުގެ ބޮޑެތި ހާދިސާތައް މީގެ ކުރިން ވެސް ހިނގަން މަގުފަހިވި ސަބަބުތަކުގެ ތެރޭ އެއްކޮށްފައި ކުނިފުނިތަކުގައި ރޯވުން ހިމެނެއެވެ. އަދި ސިނގިރޭޓު ފިލްޓަރު ރަނގަޅަށް ނުނިއްވައި އެއްލައިލުމާއި، ސިނގިރޭޓު ބުއިމުގައި އަޅިކެނޑުމުގެ ތެރޭ އަލިފާން ކަނި ބުރައިގެން ވެސް ނުރައްކާތެރި ހާދިސާތައް ހިނގަން މަގުފަހިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ