އައްޑޫ ދޮންހެރައާއެކު ހަލާލް ޓޫރިޒަމަށް ތިން ރަށެއް، ރިސޯޓު ހަދަން 13 ފަޅެއް ބީލަމަށް
ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ރަށްރަށާއި ފަޅުތަކުގައި ރިޒޯޓު ހަދަން 13 ފަޅާއި، ހަލާލް ޓޫރިޒަމަށް ޚާއްސަ ތިން ރަށަކަށް ބީލަން ހުށަހަޅަން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ. ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި، ހަލާލް ޓޫރިޒަމަށް ދޫކުރާ ކަމަށް އިއުލާންކޮށްފައިވަނީ ހދ. މަކުނުދޫ ފަރުން ފަޅުގެ ސަރަހައްދަކާއި ލ. ފޮނަގާދޫ އާއި އައްޑޫ ސިޓީގެ ދޮންހެރަ އެވެ. އޭގެ ތެރެއިން ދޮންހެރަ މީގެ ކުރިން ވެސް ބީލަމަށް ހުޅުވާލިއެވެ. އެއީ، އައްޑޫ ސިޓީގެ ހަންކެޑެގައި ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ހުޅުވާލާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖޫން މަހު އިއުލާން ކުރެއްވުމަށް ފަހު، އެ ނިންމެވުން ބަދަލު ކުރެއްވި ފަހުންނެވެ. https://sun.mv/212138 ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ފަހުން، ރައީސްގެ ނިންމެވުން ބަދަލުކުރެއްވިކަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހު އިއުލާންކުރުމަށްފަހު، ހަންކެޑެގެ ބަދަލުގައި، ދޮންހެރަގައި ހަލާލް ޓޫރިޒަމް ތަރައްގީކުރަން އޭރު ހުޅުވާލިއެވެ. ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ބީލަން ހުށަހަޅަން ކުރި އިއުލާނުގައި ވަނީ، 13 ފަޅެކެވެ. އެއީ: ހއ. މާދުނި ފަރު 1 ހއ. މާދުނި ފަރު 2 ހއ. މާދުނި ފަރު 3 ކެލާ ފަޅު 1 ކެލާ ފަޅު 2 މަކުނުދޫ ފަރު 1 މަކުނުދޫ ފަރު 2 މާފަރު ފަރު 1 މާފަރު ފަރު 2 މާފަރު ފަރު 3 ގޮނާ ފަރު 1 ގޮނާ ފަރު 2 ގޮނާ ފަރު 3 ހަލާލް ޓޫރިޒަމަށް ހުޅުވާލި ރަށްތަކަށް ބީލަން ހުށަހަޅަން ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 9:00ގެ ނިޔަލަަށެވެ. އަދި ރިޒޯޓު ތަރައްގީ ކުރަން ބީލަން ހުށަހަޅަން ހުޅުވާލީ އެ ދުވަހުގެ 11:00ގެ ނިޔަލަށެވެ. އެ އިޢުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް އެޕްލިކޭޝަން ފޯމެއް ހުށަހަޅަން ޖެހޭއިރު، ބީލަން ފޮތް މާދަމާއިން ފެށިގެން އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00އާއި 13:00 އާ ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ނުވަތަ އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. https://sun.mv/217596 ރިޒޯޓު ހަދަން ރަށްތަކެއް އިއުލާންކުރިއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވަނީ، ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރިސޯޓުތަކުން، ދިވެހި އައިޑީކާޑު އޮންނަ ކޮންމެ މީހެއްގެ އެކައުންޓަށް ބޭރު ފައިސާ ޖަމާކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ޖަމާކުރެވޭނެ ކަމަށް ލަފާކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ