ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިރާނުން ހުށަހެޅި 14 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުންތައް އޭނާ ބައްލަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ. ނަމަވެސް، އިރާނުގެ ފަރާތުން ނޭދެވޭ އަމަލެއް ފެނިއްޖެ ނަމަ، އެމެރިކާއިން އަލުން ވައިގެ ހަމަލާތައް ދޭން ފަށާފާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.
ފްލޮރިޑާގައި ހުންނަވައިގެން ރިޔާސީ މަތިންދާބޯޓު، 'އެއާފޯސް ވަން'އަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ތެހެރާނުން ހުށަހަޅާފައިވާ އެއްބަސްވުމުގެ މައިގަނޑު މަފްހޫމާ ގުޅޭ ގޮތުން އޭނާއަށް މައުލޫމާތު އަރުވާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު އިއުލާންކުރި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ އެކު ވެސް، އަލުން ހަމަލާތައް ފަށާފާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، "އެ މީހުން ގޯސް ކަމެއް ކޮށްފި ނަމަ، އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު އެބައޮތް" ކަމަށެވެ.
އެމެރިކާގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އިރާނުން ސުލްހައަށް އެދެނީ މަސްތަކެއް ވަންދެން ކުރި ހަނގުރާމަ އާއި ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ބާރު ކެނޑި، އިނދަޖެހިފައިވާތީ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ 47 އަހަރު ދުވަހު އިންސާނިއްޔަތަށާއި ދުނިޔެއަށް އިރާނުން ދީފައިވާ ގެއްލުންތަކުގެ ބަދަލު އެ ގައުމުން އަދި އެކަށީގެންވާ މިންވަރަށް ދީފައިނުވާތީ، މި ހުށަހެޅުންތައް ގަބޫލުކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އިރާނުގެ ހުށަހެޅުމުގައި ހިމެނެނީ އެމެރިކާއިން ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް ނައްތާލުމާއި ހަނގުރާމައިގެ ބަދަލު ދިނުމާއި ހިފަހައްޓާފައިވާ މާލީ މިލްކިއްޔާތުތައް ދޫކޮށްލުމުގެ އިތުރުން، ސުލްހައިގެ އެއްބަސްވުން ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ކަނޑައެޅުމެވެ.
މި ހުށަހެޅުންތައް ހުށަހަޅާފައިވަނީ ފެބުރުއަރީ މަހުގެ ފަހުކޮޅު ފެށުނު އެމެރިކާ-އިޒްރޭލު އަދި އިރާނުގެ ހަނގުރާމައިގެ ތެރެއިން، ތިން ހަފުތާއަށް އިއުލާންކޮށްފައިވާ ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގަ އެވެ.
ހަމަލާތައް މެދުކަނޑާލާފައި ވިޔަސް، އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވަރަށް ފައިދާހުރި ވިޔަފާރިއެއް ކަމަށް ޓްރަމްޕް ސިފަކުރެއްވުމާ ގުޅިގެން، ތެހެރާނުން ވަނީ ވޮޝިންޓަނަކީ ކަނޑުފޭރޭ ބައެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
އިރާނުގެ ސުލްހައިގެ ހުށަހެޅުން ޓްރަމްޕް ބައްލަވަނީ؛ ހަމަލާތައް އަލުން ފަށާފާނެ ކަމުގެ އިންޒާރު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ