ޕީއެންސީގެ މަޖިލީސް މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން އެދި ސުޕްރީމް ކޯޓަށް ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ފަށައިފިއެވެ. އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ބައެއް މެންބަރުން އެބަ ތިއްބެވި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މެންބަރުންނަކީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވެ، ޕީއެންސީއަށް ސޮއިކުރި މެންބަރުންނެވެ. އަލީ ހުސައިން ސުޕްރީމް ކޯޓުގައި: މަޖިލީހުގެ އިތުރު މެންބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަނީ -- މިދިޔަ މަހުގެ 29ގައި ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމްކޮށްފައެވެ. މިކަމުގެ އިތުރު ތަފުސީލުތައް ކިޔައިދެއްވައި، އަލީ ހުސައިން 'ސަން'އަށް ވިދާޅުވީ، އެ ގޮތަށް ނިންމާފައިވާތީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވެޑައިގެން، ޕީއެންސީގައި އެ މެންބަރުން ދެމިތިބި ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ، އެ މެންބަރުން ހޯދައި، ދިރާސާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އަލީ ފާހަގަކުރެއްވިއެވެ. އަލީ އެ ފަދައިން ވިދާޅުވިއިރު، މަޖިލީހަށް އަމިއްލަގޮތުން ވާދަކުރެއްވި އަށް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެއީ: ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ އާޒިމް އަބްދުލްއަޒީޒް - ވިލިނގިލި ދާއިރާ ހަސަން ޒަރީރު - މަތިވެރި ދާއިރާ އަހުމަދު ޒަމީރު - މައްޗަންގޯޅި މެދު ދާއިރާ މުހައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ ޝާމިން ހަބީބު - ކުރެންދޫ ދާއިރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ