ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ޖެހޭ 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ތިން ދުވަހުގެ ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ދީބާޖާއަށް ގެއްލުމުގެ ބަދަލުދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެއްގޮަތށް ދައުލަތުން ބަދަލު ދީފައި ނުވާތީ ދީބާގެ ފަރާތުން ވަނީ ހުކުމް ތަންފީޒް ކުުރުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ފަހުން ދައުލަތާއި ދިބާޖާއި ދެމެދުގެ ކުރެވުނު މަޝްވަރާތަކަށް ޝަރީޢަތުން ވަނީ ދެ ފަރާތް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ގިނަ ފުރުސަތުތަކެއް ދައުލަތަށް ދީފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ދީބާޖާއަށް ގެއްލުމުގެ ބަދަލު ދިނުމުގެ މައްސަލައިގައި ދައުލަށް ދީބާޖާއާއިއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒް ކުރުމަށް މިއަދު ސިވިލް ކޯޓުގައި ބޭއްވި ޝަރީޢަތުގައި ހުކުމް ކޮށްފައި ވަނީ ދީބާޖާއަށް ދޭން ޖެހޭ ބަދަލުގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ދީބާޖާއަށް ދެއްކުމަށެވެ.އެއީ އެއީ 116 މިލިއަން ރުފިޔާ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ.
އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އެ ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ހުކުމާ ހިތްހަމަ ނުޖެހި، ދައުލަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރި އެވެ.
އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. — މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.
ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހެވެ.
އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހައިކޯޓަށް ހުށަނޭޅުނު ދެ ސަބަބެއް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. އެއީ ސިވިލް ކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވި އެޓާނީ ޖެނަރަލްގެ އޮފީހުގެ ވަކީލުންގެ އިހުމާލުން މުއްދަތު ފަހަނަ އަޅާ ދިޔުމެވެ. އެ ސަބަބުތައް ބަލައިގަނެ، ހައިކޯޓުން އޭރު ނިންމީ އެ މައްސަލަ ކުރިއަށް ގެންދާށެވެ.
ސުޕްރީމް ކޯޓުން މި މައްސަލާގައި ކުރި ހުކުމްގައި ބުނީ އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭ ފަރާތުން އެ ހައްގު ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އިޖުރާއަތްތައް ފަހަނަ އަޅާ ނުދެވޭނެ ކަމަށެވެ. އެހެންވެ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދިޔުން ކަމަށް ހުކުމްގައިވެ އެވެ.
ނަމަވެސް އިސްތިއުނާފަށް ހުށަހަޅާ މުއްދަތަކީ އެއްވެސް އިސްތިސްނާއެއް ނެތި އޮތް މުއްދަތެއް ނޫންކަން ހުކުމްގައި ފާހަގަކުރި އެވެ. އެގޮތުން މުއްދަތުގެ ތެރޭގައި މައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު އުޒުރެއް މެދުވެރިވެގެން ކަމުގައިވާނަމަ، މުއްދަތު ހަމަވިޔަސް މައްސަލަ ބަލައިގަތުމުގެ ބާރު އިސްތިއުނާފީ ކޯޓުތަކަށް އޮންނާނެ ކަމަށެވެ.
ހުކުމްގައި ވަނީ އަމިއްލަ ބާރު ނުފޯރާފަދަ އުޒުރުތައް ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ކާރިސާތަކާއި ހަނގުރާމައިގެ ހާލަތާއި ދަށު ކޯޓުން މައްސަލަ ނިންމިކަން ނޭނގުމާއި ބޭސް ފަރުވާއަށް ރަށުން ބޭރުގައި ހުރުން ފަދަ ކަންކަމަކީ ގަޟާއީ ނިޒާމްތަކުން ބަލައިގަންނަ އުޒުރުތައްކަން ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް މި މައްސަލާގައި ފާހަގަކޮށްފައިވާ ދެ ސަބަބަކީ އެފަދަ އުޒުރެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އެއީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުލިބު ނަމަވެސް އިސްތިއުނާފަށް ހުށަހެޅުމުގައި ހުރަހެއް ނެތް ކަމަށާއި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ އިސްތިއުނާފީ ދައުވާ ރަޖިސްޓްރީކުރާ ފަހުން ވެސް ހުށަހެޅިދާނެ އެއްޗެއް ކަމަށްވާތީ އެވެ. ވަކީލުންގެ އިހުމާލުން މުއްދަތު ފަހަނަ އަޅާ ދިޔުމަކީ ގާނޫނީ ގޮތުން ބަަލައިގަނެވޭނެ ކަމެއް ނޫންކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންވެ ހައިކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމަކީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައިނުވާ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ދީބާޖާއަށް ދޭން ޖެހޭ ބަދަލުގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ތިން ދުވަހުގެ ތެރޭގައި ދައްކަން ދައުލަތަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ