ޤުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުން ވަރަށް މުހިންމު: ރައީސް މައުމޫން

އަޑުހަރުކޮށް ޤުރްއާން ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާ ކަމެއް ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
 ރައީސ މައުމޫން މިހެން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލުގެ ޝަރަފުވެރި މެހުމާނެއްގެގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ޙުސައިނާއި، ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މިސުރުގެ މަޝްހޫރު ޤާރީ ޑރ. އަޙްމަދު ނުޢައިނަޢު ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، މާތް ﷲ ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައެވެ.
ޖިބްރީލް ޢަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ޤުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީކަމަށާއި، ފަތްފުށްތަކެއްގައި އެ އާޔަތްތައް ލިޔެވުނީ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އޭގެފަހުންކަމަށް މައުމޫން ވިދާޅުވިއެވެ. ތަޖުވީދު ޢިލްމުގެ ހަމަތަކާއި އުޞޫލުތައް ނެގިފައި އެވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ޤުރްއާން ކިޔަވާވިދާޅުވެފައިވާގޮތުގެ މައްޗަށް ބަލައިގެން ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، ޤުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ޤުރްއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަޤާމުތައް ޢިލްމުވެރިންނާއި ޤާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިންކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ