ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހާއި އެ ނޫހުގެ އިސްވެރިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު ނާޅަން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ނޫހުން މިދިޔަ މާޗު 28ގައި ގެނެސްދިން 'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފަ އެވެ. މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
ތަފްސީލް - އެ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރު ކުރުމުން އެ ދެ މީހުުން ވެސް ހިޔާރު ކުރީ ހަނު ތިބުމަށެވެ. އެގޮތުން:
ހަސަންއާ ފިޔާޒަށް ޖިނާއީ ފަސް ތުހުމަތެއް ކުރޭ
'އަދަދު' ނޫހާ ދެކޮޅަށް ފަށާފައިވާ ޖިނާއީ ތަހުގީގު ހުއްޓާލާ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ރައީސް މުއިއްޒަށް އެޑްރެސްކޮށް ނުވަ ޖަމްއިއްޔާއަކުން ފޮނުވި ސިޓީގައި މީޑިއާތައް ކޮންޓްރޯލު ކުރެވޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ އެކު ބްރޯޑްކާސްޓް ކުރުމަށް ހުރަސްތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. ޗެނަލް13 އިން ޕީއެންއެފްގެ މުޒާހަރާތައް ލައިވްކޮށް ގެނެސްދިނުން ހުއްޓާލުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އަންގާފައިވާތީ އެކަމާ ވެސް އެ ސިޓީގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ސިޓީގައި މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ މަސައްކަތްތައް ހުރީ ނޫސްވެރިކަން ސެންސަރުކުރުމަށް ކަމަށް ބުނެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުހަދާތަކާ ހިލާފުކަމެއްކަން ފާހަގަކޮށް އެ ސިޓީގައި ޖަމިއްޔާތަކުން ގޮވާލާފައިވަނީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖިނާއީ ތަހުގީގުތައް ހުއްޓާލާ، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދިނުމަށެވެ.
ގުޅުން ހުރި - 'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
'އަދަދު'އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު ނާޅަން ގޮވާލައި ސީޕީޖޭން ރައީސް މުއިއްޒަށް ސިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ