ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ފޮށި ހުޅުމާލޭގައި ނުބަހައްޓާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަނުން (އީސީ) އިއުލާންކޮށްފައިވާއިރު، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ފޮށި ބެހެއްޓުމަށް ނިންމާފައި ނުވާތީ އިދިކޮޅު މައިޕާޓީ އެމްޑީޕީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ފަހުން އިއުލާންކުރި ލިސްޓުގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވޯޓު ފޮށި ބެހެއްޓުމަށް ހިމަނާފައެއް ނުވެއެވެ. މިއީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދަކަށް ވާއިރު، މި ނިންމުމުގެ ސަބަބުން ވޯޓުލާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. "06 ޖޫން 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ޙަވާލާދީ އިއުލާންކޮށްފަވާއިރު، ހުޅުމާލެ ފޭސް 1 އަދި 2 ގައި އެއްވެސް ފޮއްޓެއް ބެހެއްޓުމަށް އިއުލާންގައިނުވޭ،" އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގެ ސްކްރީންޝޮޓެއް އެމްޑީޕީން ބުނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. "މި 300 މީހުން އަލުން ރީ-ރަޖިސްޓަރީކުރުން ވާނީ ވަރަށް ބޮޑު ތަކުލީފަކަށް،" އެމްޑީޕީގެ ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ. https://sun.mv/220494 މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އާންމު އުސޫލުން ބައި-އިލެކްޝަންތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެ ދާއިރާއެއްގެ ރަށުގެ އިތުރުން މާލޭގައި އެކަންޏެވެ. ނަމަވެސް އާބާދީ ބޮޑު ސަރަހައްދުތަކަށް ރިއާޔަތްކޮށް ފޮށި އިތުރުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް އޮވެއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް 12 ގައި ހުކުމް ކުރުމާ ގުޅިގެންނެވެ. މިއީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. https://sun.mv/221417 ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިގެން އެ ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާއިރު، އޭނާ ގެންދެވީ ގަވައިދުން ފައިސާ ދައްކަމުންނެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ