ޔަހޫދީންގެ ރަށްތަކާއި އެމެރިކާގެ މަނަވަރުތަކަށް ޙޫޘީންގެ ވަރުގަދަ ޙަމަލާތަކެއް

ޒަޔަނިސްތު ދައުލަތުގެ ވެރިރަށް ތެލް އަވީވާއި އަސްޤަލާންގެ އިތުރުން މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައިވާނެ ކަން, ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ހާމަކޮށްފިއެވެ. އެ ޖަމާޢަތުން ބުނީ, ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ޑިސްޓްރޯޔަރ މަރުކާގެ ތިން މަނަވަރަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ.
ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ދެމުންދާ ޙަމަލާތައް, ރަތް ކަނޑުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ދަނީ އަމާޒު ކުރަމުންނެވެ. ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ޙަމަލާއެއް ދީފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ މިސައިލް ދިފާޢުކޮށް, ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
ޙޫޘީންގެ ތަރުޖަމާނު ޔަޙްޔާ ޤާސިމް ސަރީޢު ވިދާޅުވީ, ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަން މެދުކަނޑައިލާނީ, ޣައްޒާއާއި ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުން ކަމުގައެވެ. އަދި, ތެލް އަވީވަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާނެ ކަމަށާއި, އަސްޤަލާނަށް ޙަމަލާ ދިނުމަށް އަސްކަރީ ޑްރޯންތައް ބޭނުން ކޮށްފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
"ފަލަސްޠީނާއި ލުބްނާންގައި ތިބި އަޅުގަނޑުމެންގެ އަޚުންގެ ޙައްޤުގައި އިސްރާއީލުގެ ދުޝްމަނުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނަން،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން ސަރީޢު ވިދާޅުވިއެވެ. ރަތް ކަނޑުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ތިން މަނަވަރަކަށް ޙަމަލާ ދިނުމަށް 23 ބެލިސްޓިކް މިސައިލާއި, އެހެން މަރުކާތަކުގެ މިސައިލްތަކުގެ އިތުރުން ޑްރޯންތައް ބޭނުން ކޮށްފައިވާނެ ކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ.
އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާ ކަން އެ ޤައުމުން ވެސް ކަށަވަރު ކޮށްދިނެވެ. ނަން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުނީ, އެ ޤައުމުގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދީފައި ވަނީ ބާބު އަލް-މަންދަބީ ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. ޙޫޘީންގެ ޙަމަލާތަކުގައި މިސައިލާއި ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަން ވެސް އެމެރިކާގެ އޮފިޝަލު ކަށަވަރު ކޮށްދިނެވެ. ޙޫޘީންގެ ޙަމަލާތަކުގައި މަނަވަރުތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ދަނީ އެ ޤައުމުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 700އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެނުން ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރެއިން 5,000އެއްހާ މީހުންނަށް ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޔަހޫދީ ފައުޖުން ލުބްނާނަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދޭން ފަށާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާތާ އަހަރެއް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,534އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,092އަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ