ޑަބްލިއުއެޗްއޯގެ ލަފައާއެކު ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން އެބަ ވިސްނަން: އިޙްސާން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިޙްސާން ވިދާޅުވީ ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމީ، ވޭޕް މަނާކުރުމާއެކު ވޭޕްކުރަމުން ދިޔަ މީހުން ކުއްލިއަކަށް ދުންފަތަށް ބަދަލުވެދާނެ ކަމަށް ލަފާކޮށްފައި ކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ޑިއުޓީ ބޮޑުކުރާ ކަމަށް، އިޙްސާން ވިދާޅުވިއެވެ. "އެހެން ނަމަވެސް އޭރު އަށް ރުފިޔާއަށް އަޅުގަނޑުމެން މި ބަދަލުކުރި ކުރުމަކީ ޓޮބޭކޯ ކޮންޓްރޯލްކުރުމަށް ވުރެ ބޮޑަށް ވޭޕް މަނާކުރުމުން، ވޭޕް ބޭނުންކުރަމުން ދިޔަ ހުރިހާ އެންމެން ދުންފަތް ބޭނުންކުރުމުގެ ތެރެއަށް ވަދެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް އޭރު ލިބިފައި ހުރި ހުރިހާ ދިރާސާތަކަކުން ވެސް، އަދި އެކަމުގެ ތަޖުރިބާކާރު މާހިރުން އަޅުގަނޑުމެންނަށް ދެއްވި ލަފާގައި ވެސް ފާހަގަވުމާ ގުޅިގެން،" އިޙްސާން ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވީ، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއްގެ ގޮތުގައެވެ. އިޙްސާން ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލްކުރެވިގެން ދާނެ ފަދަ ގޮތަކަށް، ދިރާސާތަކާ އެއްގޮތަށް ޑިއުޓީ ރޭޓަށް ބަދަލު ގެނެސް ހިފެހެއްޓުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށްފަހު، ދުންފަތުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ރާއްޖެއަށް ލަފާ ދީފައިވާ ކަމަށް، އިޙްސާން ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. އަދި ކަމާބެހޭ ހުރިހާ އިދާރާތަކާއި އަދި މިކަމުގައި ޑިޒިޝަން ނެގުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މި މަޝްވަރާތައް ކުރާނަން. ކޮށްފައި އަޅުގަނޑުމެން އެ ރޭޓަށް ދާން އެންމެންނަށް އެއްބަސްވެވޭ ކަމަށް ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،" އޭނާ ވިދާޅުވިއެވެ. ދުންފަތުން ނަގާ ޑިއުޓީ ރޭޓަށް ބަދަލު ގެންނައިރު، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާއި ފަންނީ މާހިރުން ދޭ ލަފައާއި އިރުޝާދަށް ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ. އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ