އައްޑޫ ކަރަންޓުގެ މައްސަލަ ހައްލެއް ނުވި، ނަޖާހު އިސްތިއުފާ ދޭން ޖެހޭ: އަޒާން

ރޯދަ މަސް އެއްކޮށް ނިމިގެންދާއިރު ވެސް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ އިތުރަށް ގޯސްވަމުން ދިއުމުގެ ޒިންމާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ނަންގަވައި އިސްތިއުފާ ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ގޮވާލައިފި އެވެ.
އައްޑޫގެ ޕަވާ ސްޓޭޝަންގެ ގިނަ ޖެނެރޭޓަރުތައް ހަލާކުވެފައި ވާތީ ކަރަންޓު ކެނޑޭ މައްސަލަ ދިމާވާން ފެށީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ. ޖަނަރޭޓާރުތައް މަރާމާތު ކުރާ ފަހުން، އަނެއްކާވެސް އިތުރު ޖެނެރޭޓަރުތައް ހަލާކުވުމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން ފަހަރު ގަޑިއިރަކަށް ވުރެ ގިނަ އިރު ކަރަންޓު ކަނޑާލަ އެވެ. އަދި ކުރިން އެނގުމަކާއި ނުލައި ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެ އެވެ.
މި ރޯދަ މަހު ތިން ޖަނަރޭޓަރު އައްޑުއަށް ގެންގޮސް ވެސް މައްސަލައަށް އެދެވޭ ހައްލެއް ނުވެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯހަށެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުން ހުރި ކޮމިޓީއަށް ފެނަކައިގެ އިސްވެރިން ހާޒިރުކޮށްދިނުމަށް އެދި އަޒާން ހުށަހަޅާފައި ވެއެވެ.
މި މައްސަލައިގައި އަޒާން ވިދާޅުވީ، ރޯދަ މަހުގެ ކުރިން ހައްލެއް ގެނެސް ނުދެވިއްޖެ ނަމަ މަގާމުން އިސްތިއުފާ ދޭނެކަމަށް ނަޖާހު ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން އޭނާއަށް އައްޑޫގެ ރައްޔިތުންގެ ކަންބޮޑުޑުންވުންތަކަށް ހައްލެއް ގެނެވިފައި ނުވާތީ ބަހުގައި ހިފަހައްޓައި އިސްތިއުފާ ދިނުމަށް އަޒާން ގޮވާލެއްވި އެވެ.
އަޒާން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިއްޔެގެ ނިޔަލަށް ކަރަންޓު ކެނޑުނު އަދަދުތައް ފެންނާނެ ޗާޓެއް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މިދިޔަ 175 ދުވަސް ތެރޭގައި 84 ފަހަރު އެއް ގަޑިއިރަށް ވުރެ ގިނަ އިރު ކަރަންޓު ކެނޑިފައި ވެއެވެ. ޗާޓުން ދައްކާ ގޮތުން އެންމެ ގިނައިން އެ ވަގުތަށް ކަރަންޓު ކެނޑިފައި ވަނީ ފެބްރުއަރީ މަހު އެވެ.
ފެބްރުއަރީ މަހުގެ 28 ދުވަހުން، 21 ދުވަހު ގަޑިއިރަކަށް ވިރު ގިނަ ވަގުތު ކަރަންޓު ކެނޑުނެވެ.
އަޒާން ފާހަގަކުރެއްވި ގޮތުގައި އައްޑެ ސެންޓްރަލް ޕަވަރ ސްޓޭޝަނަކީ ފެނަކައިގެ އެންމެ ބޮޑު ޕަވާ ސްޓޭޝަނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބަަހައްޓާފައި ވަނީ ޖުމްލަ 26.8 މެގަވޮޓްގެ 20 ޖަނަރޭޓަރު ސެޓެވެ. ކަރަންޓުގެ މައްސަލަ ދިމާވަމުން ދަނީ، ގިނަ ސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ވެރިން ހާޒިރު ކުރުމަށް ނިންމި ނަމަވެސް، އަދިވެސް މަޖިލީހުން ކުންފުނީގެ ވެރިންނާއި ބައްދަލުކޮށްފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ