މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ރާއްޖޭގެ ސްކޫލްތައް އޭސީ ކުރުމުގެ ވިސްނުމެއް ނެތް: ޝަފީއު

މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ރާއްޖޭގެ ސްކޫލްތައް އޭސީ ކުރުމުގެ ވިސްނުމެއް ނެތްކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ސ. އަތޮޅު މަދަރުސާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނީ ކޮން އިރަކުންތޯ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ޢަބްދުއް ރަޙުމާނު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ”ކޫލް ސްކޫލް“ ޕްރޮޖެކްޓަކީ މިސަރުކާރުން ފެށި ޕޮރޮޖެކްޓެއް ކަމަށާއި، މިއީ ”ލާރނިން ލޮސްޓް ޑިއުޓު ހީޓް“ ގެ ދަށުން ސަރުކާރުން ފެށި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އޭސީ ފޮނުވިފައިވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ގިނަ ސްކޫލް ތަކަކީ ތިރީހަކަށް ސާޅީހަކަށް އަހަރުވެފައިވާ ސްކޫލްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ގިނަ ސްކޫލްތަކުގައި ހުރީ ސިންގަލް ފޭސް ކަރަންޓުކަމަށެވެ. މިގޮތުން ކަރަންޓު ވިއުގަތައް ބަދަލުކުރުމާއި ސްކޫލް ތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ބަރާބަރަށް ކުރިއަށް ދާކަމަށާއި، ކަރަންޓު ވިއުގައިގެ މައްސަލަ ފެންމަތިވާން ފެށީވެސް މި މަޝްރޫއުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިވަގުތުވެސް ރާއްޖޭގެ 52 ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މިވަގުތުވެސް ސްކޫލްތަކުގައި ކޫލް ސްކޫލް ޕްރޮޖެންޓްގެ ދަށުން އޭސީ ހަރުކުރެވެމުންދަނީ، މިހާރުވެސް މިވަގުތުވެސް ރާއްޖޭގެ 52 ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރެވެމުންއެބަދޭ“
ހަމައެހެންމެ ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ގޮތަށް ދިމާވެފައިވާ ގޮންޖެހުންތަކާއިއެކު މި މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކްލާސްރޫމްތައް ފިނިކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއިއެވެ. މި މަޝްރޫޢަށް 54 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވޭއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިމިގެންދާއިރު، ކުލާސް ރޫމްތަކުގެ އިތުރުން ސްކޫލްތަކުގެ ހޯލްތައްވެސް ފިނިކުރުމުގެ މަސައްކަތް ނިމިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކޮށް ނިންމާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ