ވޯލްޑް ކަޕް ތަށި ހަވާލުކުރާނީ ޓްރަމްޕް: އިންފަންޓީނޯ

އަންނަ މަހު 19 ގައި އެމެރިކާގެ ނިއު ޖާޒީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލް މެޗަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގެން، މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. 
"އަޅުގަނޑުމެން ރައީސް [ޓްރަމްޕާ] އެކީގައި ފައިނަލް މެޗު ބަލައިލުމުގައި ބައިވެރިވެ، މުބާރާތް ކާމިޔާބުކުރާ ޓީމަށް ތަށި ހަވާލުކުރާނީ ވެސް އެކުގައި،" ފީފާގެ ރައީސް އިންފަންޓީނޯ 'ފޮކްސް އެންޑް ފްރެންޑްސް' ޝޯގައި ވިދާޅުވި އެވެ.
އިންފަންޓީނޯ ވަނީ ޓްރަމްޕްއާ އެކު ގާތް ގުޅުމެއް އުފައްދަވައިފަ އެވެ. މިދިޔަ އަހަރު ވޮޝިންޓަންގައި ބޭއްވި ވޯލްޑް ކަޕް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، އަލަށް ތައާރަފްކުރި ފީފާގެ ސުލްހައިގެ އެވޯޑު ވެސް އޭނާ ވަނީ ޓްރަމްޕަށް އަރުވާފަ އެވެ.
މިފަހަރު ދެ ބޭފުޅުން އެކުގައި ތަށި ހަވާލުކުރައްވަން ނިންމެވި އިރު، މިދިޔަ އަހަރު ނިއު ޖާޒީގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީ ބަލިކޮށް ތަށި ހޯދި އިނގިރޭސި ކްލަބް ޗެލްސީން އަށް ތަށި ހަވާލުކުރި އިރު ޓްރަމްޕު ކަންތައް ކުރެއްވި ގޮތުން މައްސަލަ ބޮޑުވި އެވެ. 
އެ ފަހަރު ޓްރަމްޕް ވަނީ ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއާ ތަށި ހަވާލުކުރެއްވުމަށް ފަހު، ސްޓޭޖުން ފައިބައިވަޑައިނުގެން ހުންނަވައިފަ އެވެ.  އެހެންވެ ކުޅުންތެރިންނާ އެކު އޭނާއަށް ވަނީ ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވެ ވަޑައިގެންނެވިފަ އެވެ. 
މި މަހު 11 ގައި ފެށި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް 26 ގައި ނިމޭނެ އެވެ. އަދި ގަދަ 32 ޓީމުގެ ބުރު މި މަހުގެ 28 އިން ޖުލައި 3 އަށް އޮންނައިރު ގަދަ 16 ޓީމުގެ ބުރު އޮންނާނީ ޖުލައި 4-7 އަށެވެ. 
ސެމީ ފައިނަލް މެޗުތައް އަންނަ މަހުގެ 14 އަދި 15 ގައި އޮންނައިރު ތިން ވަނަ ހޮވާ މެޗު ކުޅޭނީ 18 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ 19 ވަނަ ދުވަހު ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ