އެމެރިކާއިން އީރާނުގެ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީފި
ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ފުރަތަމަ ބުރުގެ މަޝްވަރާތަކަށްފަހު، އެމެރިކާއިން އީރާނުގެ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދީފިއެވެ. މި ލުޔާއެކު، އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާ ޑޮލަރުން ތެޔޮ ވިއްކުމުގެ ފުރުސަތު އީރާނަށް ލިބިގެންދާނެއެވެ. ނަމަވެސް، އދ. ގެ ނިއުކްލިއާ އިންސްޕެކްޓަރުންނަށް އަލުން އީރާނަށް ވަނުމުގެ ހުއްދަ ދޭނެކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ވިދާޅުވުން އީރާނުން ވަނީ ދޮގުކޮށްފައެވެ. ސްވިޒަލޭންޑުގެ ބާގަންސްޓޮކްގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރި ޤަތަރާއި ޕާކިސްތާނުން ހޯމަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހު އެއްބަސްވުމަކާ ހަމައަށް ދިއުމަށް ދެ ގައުމުން މަގުޗާޓަކަށް އެއްބަސްވެފައިވާ ކަމަށެވެ. އެމެރިކާގެ ޓްރެޝަރީން ހޯމަ ދުވަހު ދޫކުރި 60 ދުވަހުގެ ލުޔާއެކު، އީރާނުގެ އިޤުތިޞާދު ހިފަހައްޓާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަނޑު ބައިތައް ނިމުމަކަށް އަންނާނެއެވެ. މި ކުއްލި ހުއްދައިގެ ދަށުން، އޮގަސްޓް 21 ގެ ނިޔަލަށް އީރާނުގެ ސާފުނުކުރާ ތެލާއި ޕެޓްރޯކެމިކަލް އުފެއްދުމާއި، ވިއްކުމާއި އަދި ފޯރުކޮށްދިނުމުގެ ހުއްދަ ލިބޭނެއެވެ. އަދި މި ލުއިތަކުގެ ދަށުން އީރާނުގެ ތެޔޮ ސީދާ އެމެރިކާއަށް އެތެރެކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މީގެ އިތުރުން، ބޭންކިން މުއާމަލާތްތަކާއި، އިންޝުއަރެންސް އަދި ދަތުރުފަތުރުގެ ހުރަސްތައް ނައްތާލެވި، ތެޔޮ ވިއްކުމަށް އީރާނުން ކުރިން ބޭނުންކުރަމުންދިޔަ އުނދަގޫ ވިއުގަތައް ބޭނުންކުރަން ނުޖެހޭނެއެވެ. އެމެރިކާގެ ނާއިބު ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/އީޕީއޭ އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، 60 ދުވަހުގެ ލުއި ދީފައިވަނީ ހޮރުމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުންނަށް އަލުން ޤައުމަށް ވަނުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވުމުންނެވެ. މެދުވެރިންގެ ބަޔާނުގައިވާ ގޮތުން، ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި މުވާސަލާތީ ގުޅުމެއް ވަނީ ގާއިމުކޮށްފައެވެ. އަދި ލުބުނާނުގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ، އީރާން އަދި ލުބުނާނާ ދެމެދު ޚާއްޞަ ސެލްއެއް އުފެއްދުމަށްވެސް ވަނީ އެއްބަސްވެފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ މީގެ ފުރަތަމަ "ހަގީގީ އިމްތިހާނަކަށް" ވާނީ ލުބުނާނު ކަމަށެވެ. އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ލުބުނާނުގައި ހިނގަމުންދާ ހަމަލާބަދަލުކުރުންތައް ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ވަނީ މަޑުޖެހިފައެވެ. ނިއުކްލިއާ އިންސްޕެކްޓަރުން އަނބުރާ އީރާނަށް ދާނީ ކޮން އިރަކުތޯ ނޫސްވެރިން ސުވާލުކުރުމުން ވެންސް ވިދާޅުވީ، އެ މަސައްކަތް މި ހަފުތާ ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އިންސްޕެކްޓަރުންނާއެކު ކުރެވޭ މަޝްވަރާތައް “މިއަދުވެސް” ފެށިދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ހަތިޔާރު އިންސްޕެކްޓްކުރުމަށް އީރާނުން އެއްބަސްވާނެ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. ނަމަވެސް، އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އައިއާރްއެންއޭ އަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ނިއުކްލިއާ އިންސްޕެކްޓަރުންނާ ގުޅޭގޮތުން އީރާނުން އާ އެއްވެސް ވައުދެއް ވެފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އދ ގެ އިންސްޕެކްޓަރުންނާއެކު ކުރިއަށްދާނީ ޕާލަމެންޓާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ. އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް (ވ) އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް (މ) އަދި ގަތަރުގެ ބޮޑުވަޒީރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް (ކ). ފޮޓޯ/ގެޓީ މިދިޔަ ހޫނު މޫސުމުގައި 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި އިސްރާއީލާއި އެމެރިކާއިން ބޮންއެޅި ސައިޓުތަކަށް އައިއޭއީއޭއިން ވަނުން އީރާނުން ވަނީ މަނާކޮށްފައެވެ. އޭގެ އަނެއް މަހު، އދ. ގެ ނިއުކްލިއާ އިދާރާއިން ވަނީ އީރާނުގައި ތިބި އެ އިދާރާގެ ބާކީ ތިބި އިންސްޕެކްޓަރުން އަނބުރާ ގެންގޮސްފައެވެ. މީގެ ކުރިން 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑު ހަ ބާރު ކަމަށްވާ އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިއާ، ޖަރުމަނު އަދި އިނގިރޭސިވިލާތާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އައިއޭއީއޭއަށް އީރާނުގެ ނިއުކްލިއާ ސައިޓުތައް ބެލުމުގެ ހުއްދަ ދިނެވެ. ނަމަވެސް، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު، އެއީ ގޯސް އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެމެރިކާ ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ. އެމެރިކާއިން އީރާނަށް "އަލުން ވަރަށް ވަރުގަދައަށް ހަމަލާދީފާނެ" ކަމަށް ޓްރަތު ސޯޝަލްގައި ޓްރަމްޕް އިންޒާރުދެއްވުމާ ގުޅިގެން، އާދީއްތަ ދުވަހު އީރާނުގެ މަންދޫބުން މަޝްވަރާތައް ދޫކޮށް ދާނެކަމުގެ އިންޒާރު ދިންކަމަށް ވެންސް ވިދާޅުވިއެވެ. ވެންސް ވިދާޅުވި ގޮތުގައި އޭނާ ވަނީ އެއީ ހަމައެކަނި އީރާނުން ދައްކާ ވާހަކަތަކަށް ޓްރަމްޕް ދެއްވި ރައްދެއްކަމަށް އީރާނުގެ މަންދޫބުންނަށް އަންގަވާފައެވެ. ހޯމަ ދުވަހު އޯވަލް އޮފީހުގައި ހުންނަވައި ޓްރަމްޕް ވަނީ އީރާނަށް އާ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ނުވަތަ އަމަލުތައް ބަހައްޓަންޖެހޭ ގޮތަށް ނުބަހައްޓައިފިނަމަ ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އީރާނުގެ އިސް މަންދޫބުން ހޯމަ ދުވަހު މަޝްވަރާތައް ދޫކޮށް ގޮސްފައިވާއިރު، ފަންނީ މަޝްވަރާތައް ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދާނެ ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ