2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން މުހައްމަދު އިބްރާހިމް (ކުޑޫ) އާ އެކު ކުރިއަށް ގެންދިޔަ ”އިތުބާރު ސައްލާ“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ޕާޓީގެ އެއްވެސް މެމްބަރަކު ބާކީއެއް ނުކުރާނެއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި، އެކުއެކީ އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށް އޭނާ ޤަބޫލްކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ ދައުލަތުގެ ”ބޯކިބާ ފޮތި“ ފަޅާލާނެ ގޮތެއް ނިންމުމަށް ނޫން ކަމަށެވެ. މިއީ ވަރަށް ހައްސާސް ނިންމުމެއްކަން ފާހަގަކުރައްވައި، ޕާޓީގެ އިންތިޒާމާއި ނިޒާމު ވަކި ފަރާތަކަށް ބުރަވުމުގެ ބަދަލުގައި، ޕާޓީގައި ހިމެނޭ ތަފާތު ޚިޔާލާއި ފިކުރުތަކުގެ އެންމެން ގޮވައިގެން އުޅެވޭނެ ގޮތަކަށް ކަންކަން ނިންމުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން މީކާއިލް ވިދާޅުވީ، ޕާރލިއަމަންޓްރީ ގްރޫޕާއެކު ރާއްޖޭގެ ސަތޭކައަށް ވުރެ ގިނަ ރަށްރަށަށް ޒިޔާރަތްކޮށް އާންމު މެމްބަރުންގެ ޝަކުވާތައް އަޑުއެއްސެވި ކަމަށެވެ. މިގޮތުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެމްޑީޕީގެ ހިންގުމާ މެދު އޮތް ޝަކުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕާޓީ އެކަތިގަނޑަކަށްވެ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ތަކުރާރު ކުރެއްވިއެވެ.
މީކާއިލްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އެމްޑީޕީން ކުރަމުންދާ ހަމައެކަނި މަސައްކަތަކީ 2028 ގައި ރައްޔިތުންނަށް ވެރިކަން ހޯދައިދިނުން ކަމަށެވެ. އެހެންކަމުން، ޖޫން 12 ގައި ބާއްވާ ޗެއާޕާސަންގެ އިންތިޚާބުގައި އޭނާއަށް އިތުބާރުކޮށް ވޯޓު ދެއްވުމަށް މީކާއިލް ވަނީ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީ: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ