ރިޔާސީ ޕްރައިމެރީއާއި ހަމައަށް ޗެއާޕާސަންކަމަށް ހަވާލުވާން ރައީސް ނަޝީދު ތައްޔާރު!

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ފަސްކޮށް، ޕާޓީގެ ހިންގުމަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި ރިޔާސީ ޕްރައިމެރީއާއި ހަމައަށް ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ވަނީ ޕާޓީގެ މަސްލަހަތަށާއި މާލީ ދަތިތަކަށް ރިއާޔަތްކޮށް، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފަސްކުރުމަށް ހުށަހަޅުއްވާފަ އެވެ. ޣަފޫރުގެ ހުށަހެޅުމުގައި ވަނީ އިންތިހާބު ފަސްކުރުމަށްފަހު ”އިންޓެރިމް އެރޭންޖްމަންޓެއް“ ނުވަތަ ވަގުތީ ހިންގުމުގެ އިންތިޒާމެއް ގައުމީ މަޖިލީހުން ފާސްކުރުމަށެވެ.
އިންތިހާބު ފަސްކުރުމަށް ޣަފޫރު ވިދާޅުވުމާއި އެކު، އެކަމަށް ބައެއް ބޭފުޅުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެކަމުގެ ބަހުސްތައް އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ކުރަނިކޮށް، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ، ޕާޓީގެ އިސް ލީޑަރުންނާއި ގައުމީ މަޖިލީހުން އެދޭނަމަ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ވަގުތީ ޗެއާޕާސަންގެ މަގާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގަތުމަށް ފެންނަކަމަށް ވިދާޅުވި އެވެ.
ރައީގެ އެ ހިޔާލަށް ރައީސް ނަޝީދު ފޮނުވި މެސެޖުގައި ވިދާޅުވީ، ގައުމީ މަޖިލީހުން އެދޭނަމަ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
ގައުމީ މަޖިލީހަށް ރައީސް ނަޝީދު ފޮނުވި މެސެޖުގެ ސްކްރީންޝޮޓްތައް ސޯޝަލަ މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިންތިހާބު ފަސްކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެކަމާއި ދެކޮޅަށް ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ އޭނާގެ އިތުރުން ޕާޓީގެ އާންމު މެންބަރުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވޯޓަކަށް ދާން ތައްޔާރުކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު ވެސް ވަނީ އިންތިހާބު ފަސްކުރުމަށް ސިޓީއެއް ފޮނުވާފަ އެވެ. އަފީފް ފޮނުވި ސިޓީގައި ވަނީ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބުތައް ރާވައި ހިންގުމުގެ ބާރު އޮތީ އޭނާއަށްކަމަށާއި، އޭނާގެ ބައިވެރިވުމެއް ނެތި އިއުލާނުކޮށްފައިވާ ޓައިމްލައިނަކީ ބާތިލު އެއްޗެއް ކަމަށެވެ.
މިހާރު އިއުލާނުކޮށްފައިވާ އިންތިހާބު ފަސްކޮށްފިނަމަ، މިއީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެއެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ފުރުސަތު ދިނުމުގެ ގޮތުން މި އިންތިހާބު ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ