އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫފޭދޫގައި ފުލުހުން ހިންގި ދެ ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ތިން މީހުން ބަންދުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މަހު 14 ވަނަ ދުވަހު ހިންގި އެ ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެކަކު ދޫކޮށްލައި ދެ މީހުން 15 ދުވަހަށް ބަންދުކޮށްފައެވެ. ބަންދުކުރި ދެ މީހުންނަކީ ސ. ފޭދޫ، ހަނދުވަރު، އުމުރުން 27 އަހަރުގެ އަހުމަދު ލީން ފާރޫގު އާއި ސ. މަރަދޫފޭދޫ، ސޭންޑީބީޗް، އުމުރުން 41 އަހަރުގެ އަބްދުﷲ ފަޒީނެވެ.
އޭގެ އިތުރުން، މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އުމުރުން 32 އަހަރުގެ އަހުމަދު ޝަރަތުއެވެ. އެ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަހުމަދު ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ ދެ އޮޕަރޭޝަން ހިންގާފައިވަނީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންނެވެ. ފުލުހުން ގެންދަނީ އެ ދެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންނެވެ.
ދެ ޑްރަގް އޮޕަރޭޝަނެއްގައި އައްޑޫއިން ހަތަރު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ