އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކޮށްފި

އޮސްޓްރޭލިއާ އިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި މަނަވަރު މިއަދު ގެނެސްފި އެވެ. 
އެ އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް ކައިރިކުރުމުން، އޭގައި ތިބި އެ ގައުމުގެ ނޭވީ މުވައްޒަފުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނާ، ޑޭވިޑް ޖެސަޕް އެވެ.
އެމްއެންޑީއެފުން ބުނީ އެ މަނަވަރަކީ ސިފައިންގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން އެ ގައުމުގެ ސަރުކާރާ އެކު ކުރި މަސައްކަތުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެ ގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ މުހިންމު ވައުދުފުޅެކެވެ.
އެގޮތުން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ އުޅަނދަކީ އެ ގައުމުގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ އާ އުޅަނދެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އޭގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން ކޯސްޓްގާޑުގެ ފަޅުވެރިން އެ އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެ އުޅަނދު ބޭނުންކުރަން ފަށަން ނިންމާފައި ވަނީ އަންނަ މަހު އެވެ.
"މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ އެވެ. އަދި މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ،" އެމްއެންޑީއެފުން ބުންޏެވެ.
މިއަދު ހެނދުނު ހުޅުމާލޭ ބަަނދަރު ސަރަހައްދުގައި އޮތް އެ ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯސްޓްގާޑުގެ އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ