ހިޔާނާތުގެ މައްސަލައެއްގައި ބާސިލް ރާޖަޕަކްސަ ހައްޔަރުކުރުމަށް ލަންކާގެ ކޯޓުން އަމުރުކޮށްފި

އޫވާ ސަރަހައްދުގެ 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު، ފަތުރުވެރިކަމާ ބެހޭ އިދާރާއަށް ނިސްބަތްވާ 7.8 މިލިއަން ރުޕީސްއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ސްރީ ލަންކާގެ ކުރީގެ މިނިސްޓަރު ބާސިލް ރާޖަޕަކްސަ އާއި ބާޝްވަރާ ގުނަރަތުނެ އަދި ރޫމީ ޖައުފަރުގެ އިތުރުން އެހެން ބައެއް މީހުން ހައްޔަރުކުރުމަށް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މެޖިސްޓްރޭޓް ޕަސަން އަމަރަސޭނަ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ މައްޗަށް މި އަމުރު ނެރުއްވީ، ބަންޑާރަނައިބުގެ ލަފާގެ މަތިން އާންމު މުދަލާ ބެހޭ ގާނޫނުގެ ދަށުން މި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާނެކަން ކޯޓަށް އެންގުމާ ގުޅިގެން، އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށެވެ.
ސީއައިޑީން ކޯޓުގައި ބުނި ގޮތުގައި، ތުހުމަތުކުރެވޭ މީހުން ދިރިއުޅޭ ގޭގެއަށް ގޮސް އެ މީހުން ހައްޔަރުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. ސަބަބަކީ އެ މީހުން އެ ގޭގޭގައި ނެތުމުންނެވެ. މީގެ އިތުރުން، ކޯޓުން ވަނީ ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ލަންކާއިން ބޭރަށް ދަތުރުކުރުން މަނާކޮށް، އެކަން އިމިގްރޭޝަން އިދާރާތަކަށް އެންގުމަށް އަމުރުކޮށްފަ އެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، މި ފައިސާ ބޭނުންކޮށްފައިވަނީ ބާސިލްގެ ބޭބެ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ފޮޓޯ އަދި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީގެ ނަން ޖަހާފައިވާ 12,000 ޓީޝާޓް ޕްރިންޓްކުރުމަށެވެ. ސީއައިޑީން ބުނި ގޮތުގައި، މި ޓީޝާޓްތައް ބަހާފައިވަނީ އެ ކެމްޕޭނުގެ ދުވަސްވަރު ލަންކާގެ މޮނަރަގަލާ ޑިސްޓްރިކްޓްގައި ބޭއްވި ސިޔާސީ ހަރަކާތެއްގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ