ފައިނޭންޝަލް އެކްސްޕޯގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުޙީބެއް

މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ "ފައިނޭންޝަލް އެކްސްޕޯ"ގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ހަވީރަށް ވަނީ އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ، މިއަދު ހަވީރު 4 އިން 6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފު ކުރާ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯދައި، މާލީގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް މުހިންމު އެކްސްޕޯއަކަށް ވާނެއެވެ.
މި އެކްސްޕޯގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ކަހަލަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރުގެ އިތުރުން އިނާމްތައް ހޯދުމުގެ ފުރުސަތު ކުޑަކުދިންނަށް ވަނީ ފަހިކޮށްދީފައެވެ.
މީގެއިތުރުން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން މިރެއާއި މާދަމާ ރޭ ހަވާ އަރުވާނެއެވެ. އެގޮތުން މިރެއާއި މާދަމާރޭވެސް 10:00 ޖަހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމު ކުރާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގ އެކައުންޓެއް ހުޅުވުމުން ފެށިގެން ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަޤުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުމަށްވެސް އެހީތެރިވެދޭނެއެވެ.
މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކުވެސް 25،000 ރުފިޔާގެ ފައިސާގެ އިނާމް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ކޮންމެ ދުވަހަކު 5 އައިޕެޑާއި، އެ ނޫންވެސް އެތައް އިނާމެއް ހުށަހަޅާފައިވެއެވެ.
މި އެކްސްޕޯ އޮންނާނީ، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. އެކްސްޕޯއަށް ވަނުމުގެ ފުރުޞަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ