އަދަދު ތަކުން ވޯލްޑް ކަޕް 2026

ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް މާދަމާ ރޭ ފަށާނެ އެވެ. މި ފަހަރުގެ މުބާރާތް ވާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ތުރާ ގިނަ މުބާރާތަށެވެ. މުބާރާތުގެ 96 އަހަރުގެ ތާރީހުގައި މުޅިން އައު ސަފުހާއަކަށެވެ. ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތް ވާނީ އެންމެ ހަރަކާތް ގިނަ އަދި އެންމެ ތަކުލީފު ވެސް ބޮޑު ވޯލްޑް ކަޕަށެވެ. މި ރިޕޯޓްގައި މި ބަލާލަނީ މި ފަހަރުގެ މުބާރާތުގެ ބައެއް ހާއްސަ ކަންކަމަށެވެ.
މި ފަހަރުގެ މުބާރާތަކީ ތިން ގައުމެއް ގުޅިގެން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މެކްސިކޯ އާއި އެމެރިކާ އާއި ކެނެޑާ ގުޅިގެން މުބާރާތް ބާއްވާއިރު މިއީ މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.
މުބާރާތް ހުޅުވާނީ މެކްސިކޯ ސިޓީގެ އަޒްޓެކާ ފުޓްބޯޅަ ސްޓޭޑިއަމުގަ އެވެ. މިއީ 1970 އާއި 1986ގައި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގެ ވެސް މުހިންމު މެޗުތައް ކުޅުނު ސްޓޭޑިއަމެވެ. މިހާތަނަށް އެއް ދަނޑެއްގައި ތިން ވޯލްޑް ކަޕުގެ މެޗުތަކެއް ކުޅޭ ފުރަތަމަ ފަހަރަކީ މިއީ އެވެ.
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕްށް ފައިނަލަށް ދިއުމުގެ ފުރުސަތު ފްރާންސަށް އެބައޮތެވެ. މީގެ ކުރިން ވިދިވިދިގެން ތިން ފަހަރު ފައިނަލްގައި ކުޅެފައިވަނީ ހުޅަނގު ޖަރުމަނާއި ބްރެޒިލް އެވެ.
ވޯލްޑް ކަޕުގައި މުޅިން އަލަށް މި ފަހަރު ހަތަރު ގައުމަކުން ވާދަ ކުރާނެ އެވެ. އެއީ ކާބޯ ވޭޑޭ އާއި ކިއުރަސާއޯ އާއި ޖޯޑަން އަދި އުޒުބަކިސްތާނެވެ. މި ހަތަރު ގައުމާއެކު ވޯލްކަޕުގައި ކުޅެފައިވާ ގައުމުތަކުގެ އަދަދު ޖުމުލަ 84 އަށް އަރާނެ އެވެ.
މި ފަހަރުގެ މުބާރާތަކީ އެއް ގޮތަކުން ބައެއް ކުޅުންތެރިންގެ ފަހު ވޯލްޑް ކަޕެވެ. މީގެ ތެރެއިން ހާއްސަވާ ތިން ކުޅުންތެރިންނަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެކްސިކޯގެ ގޯލްކީޕަރު ޖިޔޭރްމޯ އޮޗޯއާ އެވެ. މިއީ މި ތިން ކުޅުންތެރިން ވެސް ވޯލްޑް ކަޕުގައި ކުޅޭ ހަ ވަނަ ފަހަރެވެ. ރެކޯޑެކެވެ.
މިސުރުން ވަނީ މިހާތަނަށް ވޯލްޑް ކަޕުގައި ހަތް މެޗު ކުޅެފަ އެވެ. އެންމެ މެޗަކުން ވެސް މޮޅު ނުވެ އެވެ. ފަސް މެޗުން ބަލިވެ، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް އެންމެ ގިނަ މެޗުން މޮޅުނުވެ ދިއުމުގެ ރެކޯޑް އޮތީ ހޮންޑިއުރަސް އަށެވެ. އެ މީހުން ވަނީ ނުވަ މެޗެއް މޮޅުނުވެވި ކުޅެފަ އެވެ. މި ރެކޯޑާ ހަމަހަމަވާން އެއްވެސް ގައުމަކުން ބޭނުމެއް ނުވާނެ އެވެ.
މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ 16 ސްޓޭޑިއަމެއްގަ އެވެ. މީގެ ތެރެއިން 11 ސްޓޭޑިއަމަކީ އެމެރިކާގެ ސްޓޭޑިއަމްތަކެވެ. މެކްސިކޯގައި މެޗުތައް ކުޅޭނީ ތިން ދަނޑެއްގަ އެވެ. ކެނެޑާގައި އެންމެ ދެ ދަނޑުގަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ނިސްބަތް ވަނީ މެންޗެސްޓާ ސިޓީ އަށެވެ. އިނގިރޭސި ކުލަބުގެ 19 ކުޅުންތެރިއަކު ވޯލްޑް ކަޕުގައި ކުޅޭއިރު ދެ ވަނަ އަށް އެންމެ ގިނަ ކުޅުންތެރިން ކުޅޭނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އެއީ 18 ކުޅުންތެރިންނެވެ. ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި އާސެނަލްއިން 16 ކުޅުންތެރިން އަދި ބާސެލޯނާއިން 15 ކުޅުންތެރިއަކު މުބާރާތުގައި ކުޅޭނެ އެވެ.
މި ފަހަރުގެ މުބާރާތަކީ ބްރެޒިލް ކުޅޭ 23 ވަނަ ވޯލްޑް ކަޕެވެ. މުބާރާތުގައި ހުރިހާ ފަހަރެއްގައި ކުޅުނު އެހެން ބަޔަކު އެ މީހުން ނޫނީ ނެތެވެ. މިހާތަނަށް ވަނީ 76 މެޗުން މޮޅުވެ، 237 ގޯލު ޖަހާފައިވެ އެވެ.
މި ފަހަރު މުބާރާތުގައި ފެނިގެންދާނެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއަކީ ސްކޮޓްލަންޑްގެ ކީޕަރު ކްރައިގް ގޯޑަން އެވެ. އޭނާގެ އުމުރަކީ 43 އަހަރާއި 162 ދުވަހެވެ. އެންމެ ހަނގު ކުޅުންތެރިއަކީ މެކްސިކީގެ ޖިލްބާޓޯ މޮރާ އެވެ. އޭނާގެ އުމުރަކީ 17 އަހަރާއި 240 ދުވަހެވެ. މި ދެ ކުޅުންތެރިންގެ މެދުގައި 25 އަހަރުގެ ތަފާތެއް އެބަހުއްޓެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދާނެ އެންމެ ޒުވާން ޓީމަކީ އައިވަރީ ކޯސްޓެވެ. އެ މީހުންގެ އެވްރެޖް އުމުރަކީ 25.48 އަހަރެވެ. އެންމެ ދުވަސްވީ ޓީމަކީ ކޮލަމްބިއާ އެވެ. މުޅި ޓީމުގެ އެވްރެޖް އުމުރަކީ 29.98 އަހަރެވެ.
ވޯލްޑް ކަޕުގައި ކުޅޭ ގައުމުތަކުގެ އަދަދު 48 އަށް އިތުރު ކޮށްފި އެވެ. ކުރިން މަސް ދުވަހުން ނިމޭ މުބާރާތް މި ބަދަލާއެކު ދެމިގެންދާނީ 39 ދުވަހަށެވެ.
މި ފަހަރުގެ މުބާރާތަކީ ފުރަތަމަ ފަހަރަށް 48 ގައުމު ކުޅޭ މުބާރާތެވެ. އެންމެ ފަހުން ވޯލްޑް ކަޕުގައި ކުޅެފައިވަނީ 32 ގައުމަކުންނެވެ.
މުބާރާތުގައި ކުޅޭ ގައުމުތަކުގެ އަދަދު 48 އަށް ބަދަލު ކުރުމުން މުޅި މުބާރާތުގައި ފެނިގެންދާނީ މެޗުގެ ޖުމުލަ އަދަދަކީ 104 އެވެ.
މި ފަހަރުގެ މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ އިނގިރޭސި ލީގުތަކަށެވެ. އެ ގައުމުގެ ލީގުތަކުން 200 ކުޅުންތެރިން ވޯލްޑް ކަޕުގައި ކުޅޭއިރު ޖަރުމަނުގެ ލީގުތަކަށް ނިސްބަތްވަނީ 109 ކުޅުންތެރިންނެވެ. ފްރާންސާއި ސްޕޭން ކުރެ ކޮންމެ ގައުމެއްގައި ކުޅޭ 86 ކުޅުންތެރިއަކު ފެނިގެންދާނެ އެވެ. އެމެރިކާގެ މޭޖް ސޮކާ ލީގުގެ ވެސް 44 ކުޅުންތެރިއަކު ވޯލްޑް ކަޕުގައި ކުޅޭނެ އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީ އަކީ ހާއްސަ ދެ ކުޅުންތެރިންނެވެ. ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ރޮނާލްޑޯ އެވެ. އެއީ 226 މެޗެވެ. އަދި އޭނާ އަކީ ފަސް ވޯލްޑްކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. މެސީ ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ. އެއީ 26 މެޗެވެ. ވޯލްޑް ކަޕް ތެރޭގައި ގައުމީ ޓީމަށް 200 މެޗު މެސީ އަށް ހަމަ ކުރެވިދާނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގެ އިނާމް ފައިސާ އަށް ބަހަން ފިފާއިން ނިންމާފައިވަނީ 727 މިލިއަން ޑޮލަރެވެ. ޗެމްޕިއަން ޓީމަށް ލިބެނީ 50 މިލިއަން ޑޮލަރެވެ. މުބާރާތް ކުޅޭ ކޮންމެ ގައުމަކަށް ވެސް 10.5 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅޭ ކުޅުންތެރިންގެ އަދަދަކީ 1248 އަށެވެ. މި ހުރިހާ ކުޅުންތެރިން ނިސްބަތް ވަނީ 71 ގައުމެއްގެ 449 ކުލަބަކަށެވެ. މީގެ ތެރެއިން 357 ކުޅުންތެރިން ވަނީ މީގެ ކުރިން ވޯލްޑް ކަޕުގައި ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ