މޫސުން ގޯސްވުމާއިއެކު، ކަނޑުދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި!

މި ދުވަސްވަރުގައި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މިއީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެ ހާލަތެއްގައި މެނުވީ ކަނޑުމަގުން ދަތުރުތައް ނުކުރުމަށްވެސް އެދިފައިވެއެވެ.
ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ހާލަތުގައި ދަތުރު ފަސްކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު އިއުލާންކޮށްފައިވާނަމަ، އެއްވެސް ހާލެއްގައި ދަތުރުނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ދެމިއޮންނާނީ މިރޭ 19:45 އިން ރޭގަނޑު 1:30 އާ ހަމައަށެވެ. މި ސަރަހައްދުތަކަށް 19 މޭލާއި 24 މޭލުގެ ދެމެދުގެ ބާރުމިނަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
އަދި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ. މިފަދަ ނުރައްކާތެރި މޫސުމެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ