އެސްޓީއޯގެ ސާފު ފައިދާ އިތުރުވެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ އިތުރުވެ، ހިއްސާއަކަށް 85 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ ފައިދާއިން މި އަދަދު ބަހަން ފާސްކުރީ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި ޖަލްސާގައެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ. މިއަހަރު ފާސްކުރި 85 ރުފިޔާއަކީ ފަހުގެ ތާރީޚެއްގައި އެސްޓީއޯއިން މިވަރުގެ ބޮޑު އަދަދެއް ހިއްސާއަކަށް ބަހަން ނިންމި ފުރަތަމަ ފަހަރެވެ.
މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރުވި 176 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 މީހުންނެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ވަނީ ރެކޯޑު ކުރެވިފައެވެ. މި ނަތީޖާއާއެކު ކުންފުނީގެ މާލީ ދުވެލި ވަނީ ވަރުގަދަވެފައެވެ.
މި ޖަލްސާގައި ކުންފުނީގެ ކުރިއަށް އޮތް އަހަރުގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ވަނީ ހަމަޖައްސާފައެވެ. އެ ކުންފުނީގެ އުޖޫރައަކަށް ފާސްކުރީ 1,009,800 ރުފިޔާއެވެ. މީގެ އިތުރުން، ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙުސަން ސަލީމް ވަނީ އައްޔަންކޮށްފައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ، ”ކުންފުނި ފެށުނު ދުވަސްވަރު ފުރަތަމަ ހިއްސާގަތް ފަރާތްތަކުގެ ކެޕިޓަލް މިހާރު ވަނީ 500 އިންސައްތައަށް އިތުރުވެފައި،“ ކަމަށެވެ. އެސްޓީއޯގެ އިންވެސްޓްމެންޓްތަކަކީ އިންފްލޭޝަނުން ރައްކާތެރިކޮށްދޭ ފައިދާހުރި އިންވެސްޓްމެންޓްތަކެއްކަން ފާހަގަކުރައްވައި، ވޭތުވެދިޔަ 60 އަހަރުތެރޭ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުން ހިއްސާދާރުންނަށް ބޮޑެތި މަންފާތަކެއް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން މިހާރު އަމާޒު ހިފާފައިވަނީ ކުންފުނީގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ވިޔަފާރި އިތުރަށް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައިވެސް ކުންފުނީގެ ފައިދާ އިތުރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ