ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އިތުރު އުޅަނދުތަކަށް ދޭން ފަށައިފިން: އީރާން

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަކާ ގުޅިގެން އީރާނުން ބަންދުކުރި ހޮރްމޫޒް ކަނޑުއޮޅިން މިހާރު އިތުރު އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ ސިފައިން ދެމުން އަންނަ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ހުކުރު ދުވަހު ބުނެފި އެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ އެ ކަނޑުއޮޅިން ދަތުރުކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުވައިފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، އީރާނަށް ފިއްތުން އިތުރުކުރުމުގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް އުޅަނދުފަހަރު ވަނުން މަނާކޮށް، ބްލޮކޭޑެއްް ގާއިމްކޮށްފަ އެވެ.
"އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިންގެ ކޯޑިނޭޝަނާ އެކު، މިހާރު ހޮރްމޫޒް ކަނޑުއޮޅިން އިތުރު އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ އެބައޮތް،" އީރާނުގެ ދައުލަތުގެ ޓީވީން ބުންޏެވެ.
"މިއިން ދޭހަވަނީ މި ސަރަހައްދަށާއި ހޮރްމޫޒް ކަނޑުއޮޅިއަށް އީރާނާއި އައިއާރުޖީސީ ގެ ކަނޑުގެ ސިފައިން ކަނޑައަޅާފައިވާ ގާނޫނީ އާ އުސޫލުތައް ގިނަ ގައުމުތަކަކުން ގަބޫލުކޮށްފައިވާކަން."
މި ރިޕޯޓް އައިސްފައިވަނީ، ވިޔަފާރީގެ މުހިންމު މި މަގުން ދަތުރުކުރުމުގެ ހުއްދަ 30 އަށްވުރެ ގިނަ އުޅަނދަށް އީރާންގެ އަސްކަރިއްޔާއިން ދީފައިވާ ކަމަށް ދައުލަތުގެ ޓީވީން ބުނިތާ އެއްދުވަސް ފަހުންނެވެ.
އާންމު ހާލަތްތަކުގައި، ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ފަސްބައިކުޅަ އެއްބައި އަދި އެހެނިހެން މުހިންމު މުދާ އުފުލަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށެވެ.
އީރާނާއި އެމެރިކާއިން ހަމަލާ ބަދަލުކުރުން އެޕްރީލް 8 އިން ފެށިގެން މެދުކަނޑާލާފައި ވިޔަސް، އެ ކަނޑުއޮޅީގެ މައްޗަށް އީރާނުން ހިންގާ ބާރާއި އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ވަނީ ލޮޅުން އަރައިފަ އެވެ.
އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާއިރު، އެ ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރު ފޯރުވުން ހިމެނެނީ ދެ ފަރާތުގެ މެދުގައި އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވާ އެއް މައްސަލައަށެވެ.
މީގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ފީއެއް ނެގުން ހިމެނޭ ގޮތަށް، ކަނޑުއޮޅީގެ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރުމުގެ ހުށަހެޅުންތަކަށް އީރާނުގެ މަޖިލިސް މެންބަރުން ވެސް ވަނީ ބަހުސްކޮށްފަ އެވެ.
މިދިޔަ މަހު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ހާމިދު ރިޒާ ހާޖީބާބާއީ ވިދާޅުވެފައިވާ ގޮތުގައި، ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ނަގަން ފެށި ޓޯލް (ފީ) ގެ ފުރަތަމަ އާމްދަނީ މިހާރު ލިބިފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ