މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް)ގެ މައްޗަށް ކުރާ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލި ކަމަށް ބުނެ އެވެ.މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު، މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ.އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މި މައްސަލައިގައި ބަންދުގައި ހުރެ، މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފަ އެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފަ އެވެ.އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. ނަމަވެސް އޭނާގެ ބަޔާ މެދު މިހާތަނަށް ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ