ދިހަ މަސް ދުވަހުގެ މަސައްކަތުން ރާއްޖޭގެ އޭއައި އެސެސްމަންޓް ރިޕޯޓު އެކުލަވާލައި، އިފްތިތާޙުކޮށްފި
ދިހަ މަސް ދުވަހުގެ މަސައްކަތުން ރާއްޖޭގެ އޭއައި އެސެސްމަންޓް ރިޕޯޓު އެކުލަވާލައި، މިއަދު އިފްތިތާހުކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތެއްގައި މި ރިޕޯޓު އިފްތިތާހުކޮށްދެއްވީ، ޔުނެސްކޯ، ސައުތް އޭޝިއާގެ ޑައިރެކްޓަރު ޓިމް ކާޓިސްއާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ވެރިޔާ ޑރ. ކިނާނަތެވެ. މި ރިޕޯޓަކީ ޔުނެސްކޯގެ އިސްނެގުމުގެ މަތިން އެންސީއައިޓީއާ އެއްކޮށް, އެކި ދާއިރާތައް ތަމްސީލުވާ ގޮތަށް ސްޓިއަރިން ކޮމިޓީއަކުން މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި އެކުވަލާލި ރިޕޯޓެކެވެ. ރާއްޖޭގެ އޭއައި ރިޕޯޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފިރްޔާލް މި ރިޕޯޓު އެކުލަވާލާފައި ވަނީ، 2021ވަނަ އަހަރު ޔުނެސްކޯއިން އެކަށައަޅައި، 193 ގައުމަކުން ތަސްދީގުކޮށްފައިވާ 'ރިކޮމޮޑޭޝަން އޮން އެތިސްކް އޮފް އާޓިފިޝަލް އިންޓެލިޖެންސް' އަަސާސަކަށް ބަލައިގެނެވެ. މި އޮނިގަނޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، އިންސާނީ ހައްގުތަކާއި ކަރާމާތް ނުގެއްލޭ ފަދަ ގޮތަކަށް ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދޭނެ އުސޫލުތަކުގެ މަތިން ކަންކަން ބައްޓަންކޮށް، މުޖުތަމައުގެ ލާބައާއި މަންފާ ހިމެނޭ ގޮތަށް އޭއައިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. އޭގެއިތުރަށް، އެކަންކަން ހާސިލުކުރުމުގައި ޒިންމާދާރު ކަމާއި ދެފުށްފެންނާނެހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ކިނާނަތު ވިދާޅުވީ، އެ ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. ރާއްޖޭގެ އޭއައި ރިޕޯޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފިރްޔާލް ޚާއްސަކޮށް އޭއައިގެ ދާއިރާއިން ކުރިއެރުމުގައި ދުވެލި ބާރުވާނެ ކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި، ކިނާނަތު ވަނީ، މި މަސައްކަތް ހިންގައިދެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. މި ރަސްމިއްޔާތުގަައި ޔުނެސްކޯގެ ސައުތް އޭޝިއާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓަރު އިންސޮ ކިމްގެ އިތުރަށް ސަރުކާރުގެ އެކި ވުޒާރާތަކާއި ޓެކްނޮލޮޖީގެ ދާއިރާގައި އުޅުއްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ