މިދިޔަ ސަރުކާރުގައި އެސްޑީއެފްގައި އޮތީ ތޮށިގަނޑު އެކަނި؛ ކުންފުނިތަކަށް ލޯނު ވެސް ދީފައި

ދަރަނި ދެއްކޭނޭކަން ކަށަވަރުކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވާލި ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް)އާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުން އެއް ކަމެއް ކަށަވަރުވެ އެވެ.
އެ ފަންޑު މިހާރު އޮތީ އެ ފަންޑު އެކުލަވާލި މަގުސަދު ކަމަށްވާ، ބޭރުގެ ދަރަނި ދައްކަން ބޭނުން ކުރެވޭނެ ފަދަ ހާލަތެއްގައެއް ނޫނެވެ. އެ ފަންޑުގައި ހުރި ގިނަ ފައިސާ ސަރުކާރުގެ ހަރަދުތައް ކުރަން، ޓީބީލް ގަނެ ވަނީ ބޭނުންކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް ލޯނު ވަނީ ދީފަ އެވެ. ކޮވިޑުގެ ތެރޭ އެ ފަންޑުގައި ހުރި ޑޮލަރު ވަނީ ރުފިޔާއަށް މާރުކޮށްފަ އެވެ.
މިއީ މިދިޔަ ސަރުކާރު ނިމި 2023 ވަނަ އަހަރުގެ ނިޔަލަށް އެ ފަންޑު ބޭނުންކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓުގެ ކުރު ހުލާސާ އެވެ. 
އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ގޮތުގައި 2023 ނިމުނުއިރު އެ ފަންޑުގެ ޖުމްލައަކީ (އިންވެސްޓްކޮށްފައިވާ އަދަދާ އެކު) 7.5 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 7.2 ބިލިއަން ރުފިޔާ ހުރީ އިންވެސްޓްކޮށްފަ އެވެ. އެއީ މުޅި ފަންޑުގެ %96 އެވެ. އެހެންކަމުން:
2023 ނިމުނުއިރު އެ ފަންޑުގައި ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުރީ 282 މިލިއަން ރުފިޔާ 
އިންވެސްޓްކޮށްފައިވާ އެސްޑީއެފްގެ ފައިސާގެ ތެރެއިން %88 އަކީ ސަރުކާރުގެ ޓީބިލަށް އިންވެސްޓްކޮށްފައިވާ އަދަދެވެ. އެއީ 7 ބިލިއަނެއްހާ ރުފިޔާ އެވެ. ދެން އިންވެސްޓްކޮށްފައިވާ ދާއިރާތަކަކީ:
237 މިލިއަން ރުފިޔާ: ސަރުކާރުގެ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 
400 މިލިއަން ރުފިޔާ: ފިކްސްޑް ޑިޕޮސިޓަށް
އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ޓީބިލްތަކަށް ފަންޑުގެ ބޮޑު ބައެއް އިންވެސްޓްކޮށްފައިވީ ނަމަވެސް މިއަހަރާއި އަންނަ އަހަރު ދަރަނި ދެއްކުމަށް އެ ފަންޑުން ހޭދަކުރަން ސަރުކާރުން ވިސްނާފައިވާ ކަމަށެވެ. ނަމަވެސް އެ ފަންޑުން ލޯނު ދައްކަން ބޭނުން ކުރެވެން އޮތީ ސަރުކާރުން ގަނެފައިވާ ޓީބިލްތަކުގެ ފައިސާ އަނބުރާ އެ ފަންޑަށް ހޯދިގެންނެވެ. އެކަމަކު އެއީ ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. 
އެ ރިޕޯޓުގައި ހުރި ހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ތިން އަހަރު ދަރަނި ސާވިސްކުރުން ހިމެނޭހެން ދަރަނި ދެއްކުމުގެ ހަރަދުގެ ގޮތުގައި 33.8 ބިލިއަން ރުފިޔާ ރުފިޔާ ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަން ޖެހެ އެވެ. އެގޮތުން:
2025: 9.6 ބިލިއަން ރުފިޔާ
2026: 16.3 ބިލިއަން ރުފިޔާ 
2027: 7.8 ބިލިއަން ރުފިޔާ 
އޮޑިޓްގައި ފާހަގަކުރި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2018 އަދި 2019 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން އެޗްޑީސީއަށް ވަނީ 206.1 މިލިއަން ރުފިޔާ އެސްޑީއެފުން ލޯނެއް ދީފަ އެވެ. އޭގެއިން އެއްވެސް އެއްޗެއް އަނބުރާ އެސްޑީއެފްއަށް ލިބިފައެއް ނުވެ އެވެ. 
މީގެ އިތުރަށް އެމްއޭސީއެލްއަށް 246.72 މިލިއަން ރުފިޔާ އަދި ކޮވިޑް ރިލީފް ފަންޑަށް ވެސް 154.20 މިލިއަން ރުފިޔާގެ ލޯނެއް ދިނެވެ. އެކަމަކު އެމްއޭސީއެލްއަށް ދިން ލޯނު ވަނީ އިންޓަރެސްޓާ އެކު އަނބުރާ ދައްކައިފަ އެވެ. ނަމަވެސް، ކޮވިޑް ރިލީފް ފަންޑަށް ދިން ލޯނުން 15.11 މިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ. 
އޮޑިޓް ރިޕޯޓްގައި ސުވާލު އުފެއްދީ އެ ފަންޑުން ސަރުކާރުގެ ކުންފުނިތަކަށް ލޯނު ދިނުމަކީ އެ ފަންޑުގެ މަގުސަދު ހާސިލްވުމަށް އެޅޭ ހުރަހަކަށްވީއިރު އެކަން ކޮށްފައި ވާތީ އެވެ. އަދި އެގޮތަށް ލޯނު ދިނުމަކީ ވަރަށް ރިސްކު ބޮޑު ކަމެއް ކަމަށާއި އެއީ އެފަދަ ފަންޑުތަކުން އިންވެސްޓްކުރުމަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އޮޑިޓްގައި ފާހަގަކުރި އެވެ.
މީގެ އިތުރަށް ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީއާ އެކުވާ އެއްބަސްވުމެއްގެ ދަށުން އެސްޑީއެފްއިން ކުންފުނިތަކަށް ލޯނު ދޫކުރެވިދާނޭ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ލޯނުތަކުގެ ފައިސާ އަނބުރާ ހޯދުމަށް އުނދަގޫވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ. 
އެޗްޑީސީއަށް ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ހޯދަން ވެސް ލަފާދީފައިވެ އެވެ. 
ރިޕޯޓުގައި ދެން ފާހަގަކުރި ކަންބޮޑުވުމަކީ ޑޮލަރުން ފައިސާ ބަހައްޓަމުން ދިޔަ އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއް 2019ގެ ޑިސެމްބަރުގައި އެކީ މާރުކޮށް ފަންޑުގެ ހުރިހާ ފައިސާއެއް ރުފިޔާއަށް ބަދަލުކުރި މައްސަލަ އެވެ.  
ރިޕޯޓުގައި ބުނީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެ އެއްބަސްވުމެއްގެ ދަށުން 2020 އަދި 2021ގައި އެ ފަންޑުގައި އެއްވެސް މިންވަރަކަށް އެސްޑީއެފްގައި ޑޮލަރު ނެތް ކަމަށެވެ. އެގޮތުން، 2018 ނިމުނު އިރު އެ ފަންޑުގެ %94 ހުރީ ޑޮލަރުންނެވެ.
ނަމަވެސް، ސެޕްޓެމްބަރު 2023ގެ ތެރޭގައި ޑޮލަރު މާރުކުރުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، ބައެއް ފައިސާ ޑޮލަރަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޮޑިޓްގައި ފާހަގަކުރި އެވެ. އެގޮތުން:
ރުފިޔާ ޑޮލަރަށް މާރުކޮށް، 2023 ނިމުނުއިރު އެސްޑީއެފްގައި ޑޮލަރުން ހުރި އަދަދު: 170.25 މިލިއަން ޑޮލަރު
އެއީ މުޅި ފަންޑުގެ %35
އޮޑިޓް ރިޕޯޓްގައި ފާހަހަގަކުރި ގޮތުގައި، މިއަހަރާއި އަންނަ އަހަރު ބޭރުގެ ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ޑޮލަރުން އެ ފަންޑުގެ ގިނަ ފައިސާ ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ރުފިޔާއަށް ފަންޑު ބަދަލުކުރުމަކީ އޭގެ ބޭނުން ކެނޑޭ ކަމެއް ކަމަށް ވެސް ފާހަގަކުރި އެވެ.
އޮޑިޓްގައި ފާހަގަކުރި ގޮތުގައި އެސްޑީއެފް އުފެއްދުމާ ހަމައިން ވެސް އެ ފަންޑުގެ ހިސާބުތައް ބެލެހެއްޓުމާއި ފަންޑު ހިންގުމާއި އިންވެސްޓްކުރުން ފަދަ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށެވެ. އަދި އޭގެ ސަބަބަކީ ސޮވަރިން ފަންޑުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެއް ނެތުމުން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކުރި އެވެ.
އެފަދަ ފަންޑުންތައް އުފެއްދުމަށް ގެންގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކޮށް އޮޑިޓް ރިޕޯޓްގައި ބުނީ ފަންޑު ބެލެހެއްޓުމާއި އިންވެސްޓްކުރުން ފަދަ ކަންކަމަށް ލިޔެވި އާންމުކޮށްފައިވާ ރަނގަޅު ހަރުދަނާ އުސޫލުތަކެއް ނެތް ކަމަށެވެ. އެހެންކަމުން، އެ ފަންޑުގެ ބޭނުން ކެނޑޭ ގޮތަށް އެ ފަންޑު ބޭނުން ކުރުން ފަދަ ކަންކަމަށް ތަންމިނަށް ޖާގަ ހުޅުވިފައިވާ ކަމަށް ވެސް އޮޑިޓްގައި ފާހަގަކުރި އެވެ.
މީގެ އިތުރުން އެސްޑީއެފްގެ ވާހަކަ ހިމަނައި މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ވެސް އެ ފަންޑު ވަރުގަދަ ފަންޑެއްގެ ގޮތުގައި ބޭއްވުމަށް އެކަށީގެންވާ އަދި ދުނިޔެ ބަލައިގެންފައިވާ ބައިނަލްއަގުވާމީ އުސޫލުތަކެއް ނޫން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، އެސްޑީއެފްއަށް ހާއްސަ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އުފަން ކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ