ޑެވިލް ވެއާސް ޕްރާޑާގެ ޝޫޓިން ފަށައިފި

ހޮލީވުޑް ޕޮޕް ކަލްޗާގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ގިނަ ދުވަހެއް ވަންދެއް އޭގެ ވާހަކަދެކެވޭ ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ "ޑެވިލް ވެއާސް ޕްރާޑާ"ގެ ސީކުއެލްގެ ޝޫޓިން މަސައްކަތް ފަށައިފިއެވެ. އޭ-ލިސްޓު ތަރީންނާ އެކު އުފައްދައި، 2006 ވަނަ އަހަރު ނެރުނު ޑެވިލް ވެއާސް ޕްރާޑާއަކީ ވަގުތުން ބޮޑު ހިޓަކަށް ވެފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ އަދިވެސް ދައްކާއިރު ފިލްމުގެ ތީމްތަކާއި ކޮސްޓިއުމްތަކުގެ ނުފޫޒު އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނެއެވެ. މެރިލް ސްޓްރީޕްއާއި އޭން ހެތަވޭގެ އިތުރުން އެމިލީ ބްލަންޓް އަދި ސްޓެންލީ ޓޫޗީ ލީޑުން ފެންނަ މި ފިލްމަކީ ފެޝަން މެގަޒިންއެއްގެ ތެރޭގައި ހިނގާ ތަފާތު އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ޑްރާމާ ފިލްމެކެވެ. ފިލްމުގެ ސީކުއެލްއެއްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރެވެ. ނަމަވެސް މި މަސައްކަތްކަކީ ކެމެރާގެ ފަހަތުގައި ކުރާ މަސައްކަތްތަކެވެ. ނަމަވެސް އެންމެ ފަހުން މި ހަފުތާގެ ތެރޭގައި ފިލްމުގެ ޝޫޓިން މަސައްކަތް ރަސްމީކޮށް ވަނީ ފަށާފައެވެ. ޝޫޓިން ފަށާފައިވަނީ ފިލްމުގެ ލީޑު އެކްޓަރުންނާއެކުގައެވެ. ފިލްމަށް އަލަށް ކާސްޓު ގެނެސްފައިވާއިރު މި މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ. ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސިނަމާއަށެވެ. މި ފިލްމުގައި ފެންނާނީ ފުރަތަމަ ފިލްމަށްފަހު ކަންތައް ވާގޮތެވެ. އެ ގޮތުން, އެސިސްޓެންޓެއްގެ ރޯލުން ފެންނަ އެމިލީ ބްލަންޓްގެ ކެރެކްޓާ މި ފިލްމުގައި ފެންނާނީ ކާމިޔާބު ގިނަ ވިޔަފާރިތަކެއްގެ ވެރިއެއްގެ ގޮތުގައެވެ. އަދި, އެއާ ޚިލާފަށް އެންމެ ނުފޫޒު ގަދަ ކެރެކްޓަރު (މެރީލް ސްޓްރީޕް ކުޅެފައިވާ ރޯލު) ފެންނާނީ ބަނގުރޫޓުވެ އާ ދިރިއުޅުމެއް ފެށުމަށް މަސައްކަތްކުރާ ތަނެވެ. ދެ މީހުން އެކުގައި މަސައްކަތް ކުރަންޖެހޭ ގޮތް އާ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެއާ އެކު މި ފިލްމުގައި މެރީލްއާއި އެމިލީ ލީޑުން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ