މަޗާއޭ ކިޔާ ފެހި ކުލައިގެ، ހިމުންކޮށް މުގުރާފައި ހުރި ސައިފަތުގެ ޕެކެޓެއް އަޅުގަނޑު ފުރަތަމަ ގަތީ 2022ގަ އެވެ. އެއީ އޭރު މާލޭގެ ދެތިން ސޯޝަލް މީޑިއާ ޕޭޖަކުން ވިއްކަމުން އަންނަތަން ފެނިގެން، ރަހަ ބަލައިލާށެވެ. އޭގެ ފަހުން، މިއަދާ ހަމައަށް އެކި ބްރޭންޑުގެ މަޗާ ސައިފަތާއި އެކި ގޮތްގޮތަށް މަޗާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބުއިންތަކުގެ ރަހަ ބަލައިފީމެވެ.
މިހާރު މަޗާއަކީ ހަމައެކަނި ވައިރަލް ބުއިމެއް ނޫނެވެ. އެއީ އެތައް ބައެއްގެ ޝަހުސިއްޔަތު ދައްކުވައިދޭ އެއްޗަކަށް ވެއްޖެ އެވެ. އަދި ރާއްޖޭގެ ވަރުގަދަ 'ކޮފީ ކަލްޗާ' ބަދަލުކުރަމުން އަންނަ ބުއިމަކަށް ވެސް ވެއްޖެ އެވެ.
މަޗާއަކީ ޖަޕާނަށް ހާއްސަ ސައިފަތުގެ ބާވަތެކެވެ. މަޗާގައި އެކުލެވޭ ހިތްގައިމު ފެހި ކުލަ ހާސިލް ކުރުމަށް އޭގެ ގަސް ހައްދަނީ ހިޔަލުގަ އެވެ. މަޗާ ސައިފަތް އުފެއްދުމުގެ ފުރަތަމަ 700 އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 1200 ވަނަ އަހަރުން ފެށިގެން 1900 ވަނަ އަހަރާ ހަމައަށް، ޖަޕާނުގައި ސައިފަތް ބިނދެ އުޅުނީ އަހަރަކު އެއްފަހަރު، މެޝިނެއް ބޭނުންނުކޮށް އަތުންނެވެ. ދެން އާވިން ފަތް މިލުވައި، ހިއްކާފައި ހިލަ ދައެއް ބޭނުންކޮށްގެން ފަތްތައް ހިމުން ކުނޑިއަށް ބަދަލު ކުރެ އެވެ. އާދައިގެ ސައިފަތާ ހިލާފަށް، މަޗާ ތައްޔާރުކުރަނީ މުޅި ފަތް ބޭނުންކޮށްގެނެވެ.
މަޗާ ފުރަތަމަ ބޭނުންކުރަން ފެށީ 13 ވަނަ ގަރުނުގަ އެވެ. ޒަމާނުއްސުރެ ޖަޕާނުގައި މަޗާ ބުއިމަކީ އިއްޒަތްތެރިންނާއި 'ސަމުރާއި'ންނާއި ފާދިރީންނާއި މުއްސަނދި ވިޔަފާރިވެރިންނަށް ހާއްސަވެގެންވާ ކަމެކެވެ.
ފާދިރީންނަށް މަޗާއަކީ އެ މީހުންގެ އަޅުކަމުގެ މެދުތެރެއިން ނުނިދި އެތައް ގަޑިއިރެއް ވަންދެން 'މެޑިޓޭޓް' ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސައި ތައްޔާރުކުރަނީ ވަރަށް އިހުތިރާމާއި ފަރުވާތެރިކަމާ އެކުގަ އެވެ. ސަމުރާއީން ހަނގުރާމައިގެ ކުރިން މަޗާ ސައި ބޮއެ އުޅުނީ ވިސްނުން ތޫނުކުރުމަށާއި ހިތްހަމަޖެހުން ލިބިގަތުމަށެވެ.
މަޗާ ސައިފަތުގައި ސިއްހަތަށް ފައިދާ ހުރި އެކި މާއްދާތައް ހިމެނެ އެވެ. މަޗާގައި އެކުލެވޭ އެލް-ތިއަނީންއަކީ ސިކުނޑި ތާޒާކޮށް ހަމަހިމޭންކަން ގެނެސްދޭ އެމީނޯ އެސިޑެކެވެ. މީގެ އިތުރުން ކެފެއިން އާއި އެންޓިއޮކްސިޑެންޓްސް، ހާއްސަކޮށް އީޖީސީޖީ ކިޔާ އެންޓިއޮކްސިޑަންޓެއް ހިމެނެ އެވެ. މި މާއްދާ ސެލިއުލާ ގެއްލުމާ ދެކޮޅަށް މަސައްކަތްކޮށް، ހާސްކަން ފިލުވައިދީ ހަކަތަ ފޯރުކޮށްދެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 'މަޗާ' ހޭޝްޓެގްއަށް ޓިކްޓޮކްގައި 160 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. އަދި ހަމައެކަނި ޓިކްޓޮކްގައި އޮތް މަގުބޫލުކަމުގެ ސަބަބުން 2020 އިން ފެށިގެން 2023 ވަނަ އަހަރާ ދެމެދު މަޗާ ވިއްކާ މިންވަރު ވަނީ %300 އިތުރުވެފަ އެވެ. ސްޓާބަކްސްއިން ދައްކާ އިޝްތިހާރަކަށް ވުރެ ބޮޑަށް ސޯޝަލް މީޑިއާއިން ފެންނަ އިންފްލުއެންސަރަކު މަޗާއަކީ އެންމެ މީރު ބުއިމޭ ބުނީމާ ގަބޫލު ކުރާ މީހުން ގިނަ އެވެ.
މަޗާގެ މަގުބޫލުކަން އިތުރުވެގެން ދިޔައީ ވިޔަފާރި ކުންފުނިތަކެއްގެ ސަބަބުންނެއް ނޫނެވެ. 'ލައިފްސްޓައިލް އިންފްލުއެންސަރުން'ގެ ސަބަބުންނެވެ. ހާއްސަކޮށް "ކްލީން ގާލް އެސްތެޓިކްސް" ރަމްޒުކޮށްދޭ މީހުންނެވެ. ސޯޝަލް މީޑިއާގެ ކޮންމެ ޕޭޖަކަށް ބަލައިލިއަސް ހިތްގައިމު ތަށިތަކުގައި ފެހި ކުލައިގެ މަޗާ ތައްޔާރު ކުރާ ތަން އެ މީހުން ވަރަށް ނަލަކޮށް ދައްކަ އެވެ. މިއީ ޕިލާޓޭސް އާއި 'މައިންޑްފުލް ޖާނަލިން' ފަދަ ކަންކަމަށް ޝައުގު ހުންނަ މީހުން އާއްމުކޮށް އިހުތިޔާރު ކުރާ ބުއިމަކަށް ވެއްޖެ އެވެ.
މިކަމުން އެނގެނީ މަޗާއަކީ މިހާރު ހަމައެކަނި ބުއިމެއް ނޫންކަމެވެ. އެއީ 'ސްޓޭޓަސް ސިމްބަލް' އަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. މިއީ ވަކި ކަހަލަ ވައްޓަފާޅިއަކަށް ދިރިއުޅުން ބަހައްޓަން ބޭނުންވާ މީހެއްކަން ދައްކުވައިދޭ ބުއިމެކެވެ. އިންފްލުއެންސަރުންގެ އިތުރުން ސެލެބްރިޓީން ވެސް ވަނީ މަޗާގެ ފޯރީގައި ބައިވެރިވެފަ އެވެ. ހެއިލީ ބީބާ އާއި ކެންޑަލް ޖެނާ ފަދަ ޖެން-ޒީ އަދި މިލެނިއަލް ޒުވާނުންނަށް ކަމުދާ ސެލެބްރިޓީންގެ ސަބަބުން މަޗާގެ މަގުބޫލުކަން ބޮޑުވި އެވެ.
"އޭ ހިނގާ ކޮފީއަކަށް އަރަމާ."
ދިވެއްސެއް ނަމަ ރަހުމަތްތެރިންނާ ބައްދަލުކޮށްލަން ދައުވަތު ދޭ އާއްމު ގޮތަކީ މިއީ އެވެ. ރާއްޖޭގައި ކޮފީ، އަދި ވަކީން ހާއްސަކޮށް، ކަޅު ކޮފީއަކީ އެންމެ މަގުބޫލު ބުއިމޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެއީ ދުވާލެއް ރޭގަނޑެއް އޮންނަ ބުއިމެއް ނޫނެވެ. ކޮންމެ ވަގުތަކު ވެސް ކޮފީ ތައްޓެއް ބޯލަން ކަންމަތީ ކެފޭއަކަށް ވަނުމަކީ ދިވެއްސަކަށް އާދައިގެ ކަމެކެވެ. ކޮފީއަކީ ދިވެހިންގެ ކުޑަ މުޖުތަމައު ގުޅުވައިދޭ ޒަމާނީ ސަގާފަތަކަށް ވަނީ ވެފަ އެވެ.
މާލޭގެ ކެފޭތަކުގެ މެނޫގައި މަޗާ ހިމެނޭ ބުއިންތައް އާއްމުވާން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މަޝްހޫރު ކެފޭތަކުގެ ތެރެއިން މެރާކީ، ބިއަންކޯ އަދި ޔޫޝުއަލް ކޮފީ ހައުސް ފަދަ ތަންތަނުން މަޗާ ހިމެނޭ އެކި ޒާތުގެ ބުއިންތައް ލިބެން އެބަހުއްޓެވެ.
ޔޫޝުއަލް ކޮފީ ހައުސް އިން ހަ ވައްތަރެއްގެ މަޗާ ބުއިންތައް ތައްޔާރު ކުރެ އެވެ. އެތަނުން ހަފުތާއަކު މަޗާގެ 100އަށް ވުރެ ގިނަ ބުއިން ވިކެ އެވެ. މިއީ މާލެއަށް އެކަނި ބަލާއިރު ނިސްބަތުން ކުޑަ އަދަދެއް ނޫނެވެ. މަޗާއަށް އޮތް ޑިމާންޑު ފުދޭ ވަރަކަށް ބޮޑުކަން މިއިން ފާހަގަވެ އެވެ.
ބިއަންކޯ ކޮފީ އެންޑް އީޓަރީ އިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު 'މަޗާ އިންފިއުޝަންސް'ގެ ނަމުގައި މަޗާ ރަހަލާ ބުއިމާއި ފޮނިކާތަކެތި ތައާރަފު ކޮށްފަ އެވެ. އެގޮތުން މަޗާ އާއި ކާށި ޖެލާޓޯ އެއްކޮށްގެން ފޮނި 'މަޗާ އެފޮގާޓޯ'އެއް ނެރުނެވެ.
މީގެ އިތުރުން މަޗާ ސައިފަތް ޕެކެޓު ވިއްކާ ޕޭޖުތައް ވެސް އިތުރުވެއްޖެކަން ފާހަގަ ކުރެވެ އެވެ. އަމިއްލައަށް މަޗާ ތައްޓެއް ތައްޔާރުކޮށްލަން ބޭނުން ނަމަ އެކަމަށް ބޭނުންވާ ހާއްސަ 'ބޭމްބޫ ވިސްކް' އަދި ތަށި ވެސް މިހާރު ލިބެން އެބަހުއްޓެވެ.
އަހުމަދު ނީމަންއަކީ 'ފައިންޑިން މަޗާ ބައި ނީމޯ'ގެ ނަމުގައި 2021 އިން ފެށިގެން ސޯޝަލް މީޑިއާ ޕޭޖެއް ހިންގަމުން އަންނަ ޒުވާނެކެވެ. މަޗާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޗީޒް ކޭކު، ތުރޭ ލެޝް ކޭކު، ކުކީ އަދި ބްރައުނީ އޭނާ ވިއްކަ އެވެ.
"މަޗާއަކީ އަޅުގަނޑަށް ލަވް އެޓް ފަސްޓް ސިޕް،" ނީމަން ބުންޏެވެ. "އެކަމަކު އޭރު މަޗާ އަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗެއް ނޫން އަދި އެއްވެސް މީހަކު މަޗާ ބޭނުންކޮށްގެން ބޭކްސް ތައްޔާރެއް ނުކުރޭ. އެހެންވެ އަޅުގަނޑު ބޭނުންވީ ރަނގަޅު މަޗާ ޑިޒާޓެއް ތައްޔާރުކޮށް، މީހުން މަޗާއާ ދޭތެރޭ ވިސްނާ ގޮތް ބަދަލުކޮށްލެވޭތޯ މަސައްކަތް ކުރަން."
މިހާރު ރާއްޖޭގައި މަޗާއަށް އޮތް ޑިމާންޑު ކުރިއަށްވުރެ ބޮޑެވެ. ދުޅަހެޔޮ އަދި ދިރިއުޅުމުގެ ވަކި ކަހަލަ ވައްޓަފާޅިއެއް ގެންގުޅެން ބޭނުންވާ މީހުންނަށް މިއީ ކަމުދާ ބުއިމެކެވެ. ޖިމްތަކާއި އާ ބާވަތްތަކުގެ ކަސްރަތުތަކާއި ދުވުމުގެ މުބާރާތްތައް ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު އިތުރުވެއްޖެ އެވެ. އެހެންކަމުން ކަޅު ކޮފީއަކަށްވުރެން ސިއްހަތަށް ފައިދާ ހުރި ބުއިމެއް ގިނަ ބަޔަކު ހިޔާރު ކުރުން އެކަށީގެންވެ އެވެ.
ރާއްޖެއަކީ ކިތަންމެ ކުޑަ ޖަޒީރާ ގައުމަކަށް ވިއަސް އިންޓަނެޓާއި ސޯޝަލް މީޑިއާގެ ސަބަބުން ދިވެހިން ބޭރު ދުނިޔޭގެ މަގުބޫލު ޓްރެންޑުތަކަށް ތައާރަފުވެ އެކަންކަމަށް އަވަހަށް ޝައުގުވެރިވެ އެވެ. މަޗާއިން ރަމްޒުކޮށްދޭ ދިރިއުޅުމުގެ ވައްޓަފާޅި މިހާރުގެ ޒުވާނުންނަށް ކަމުދެ އެވެ. އަދި ރާއްޖޭގެ %43 އަކީ ޒުވާނުންނަށްވާއިރު މަގުބޫލުވާ ކޮންމެ ޓްރެންޑަކާ އެކު އެ ޒުވާނުންގެ ވިސްނުން ވެސް ހާމަވެ އެވެ.
ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި މަޗާގެ ޑިމާންޑު ވަނީ އިތުރުވެފަ އެވެ. ދުނިޔޭގެ މަޗާ މާކެޓް 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުން 4.3 ބިލިއަން ޑޮލަރަށް ކުރިއަރާފައިވާއިރު، 2030 ވަނަ އަހަރު 7.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެކަމަކު ޑިމާންޑު ސަޕްލައިއަށް ވުރެ މައްޗަށް ދިއުމުން ވާނީ ކިހިނެއް ހެއްޔެވެ؟ މިހާރު މަޗާގެ އަގު ދަނީ އުފުލެމުންނެވެ. އަދި ޖަޕާނުގައި ޓޫރިސްޓުންނަށް ގަނެވޭނެ މަޗާގެ މިންވަރު ސަރުކާރުން ދަނީ މަދު ކުރަމުންނެވެ. ޖަޕާނުގައި މަޗާގެ ޑިމާންޑު މިހާ ބޮޑަށް އިތުރުވެ، އޭގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.
މަޗާއަކީ ޖަޕާނުގެ އުޖީ އަދި ނިޝިއޮ ފަދަ ވަކި ހިސާބުތަކެއްގައި ހައްދާ ފަތެކެވެ. ޖަޕާނުން 2022ގައި އެކަނި ވެސް 32 މިލިއަން ޑޮލަރަށް ވުރެ މަތިން މަޗާ އެކްސްޕޯޓްކުރި އެވެ. އެއީ ރެކޯޑް މިންވަރެކެވެ. ޖަޕާނުގެ ސައިފަތް ދަނޑުވެރިން ބުނާގޮތުގައި މަޗާ އުފެއްދޭނެ މިންވަރަށް ވުރެ އޯޑަރުތައް މާ ގިނަ ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން ގިނަ އަދަދަކަށް މޮޅު މަޗާ ސައިފަތް އަވަހަށް އުފެއްދޭނެ ގޮތެއް ނެތެވެ.
ޖަޕާނުގައި އެވްރެޖްކޮށް ސައިފަތް ދަނޑުވެރިއެއްގެ އުމުރަކީ 66 އަހަރެވެ. އަދި އާއިލާގެ ދަނޑުގައި މަސައްކަތް ކުރާކަށް ގިނަ ޒުވާނުން ބޭނުމެއް ނުވެ އެވެ. ހުނަރުވެރި މަސައްކަތްތެރިން ނެތިގެން ގޮސް މިހާރު އެ ދަނޑުތަކުގައި މަސައްކަތް ކުރަން މީހުން ގެންނަނީ ބޭރުންނެވެ.
މަޗާ ރޯކުރުމަކީ ވަރަށް މަސައްކަތް ބުރަ އަދި އަގު ބޮޑު ކަމެކެވެ. މީގެ އިތުރުން މަޗާ އުފައްދަން ގުދުރަތީ ވަކި ހާލަތްތަކެއް ބޭނުންވާއިރު، މަޗާ ސައިފަތް ހައްދަން އެންމެ އެކަށީގެންވަނީ ޖަޕާނުގެ ބިމުގެ އެންމެ %5 އެވެ.
މިހާރު ގިނަ އަދަދެއްގެ ބްރޭންޑުތަކުން ދަށް ގްރޭޑެއްގެ މަޗާ ޗައިނާ އާއި ވިއެޓްނާމުން ގަންނަން ފަށައިފި އެވެ. ޗައިނާއިން 2023ގައި 10،000 މެޓްރިކް ޓަނުގެ މަޗާ އުފައްދާފައިވެ އެވެ. އެ އަހަރު ޖަޕާނުން އުފެއްދީ ހަމައެކަނި 4،000 މެޓްރިކް ޓަނުގެ މަޗާ އެވެ.
'ފޭކް' އަދި 'އާޓިފިޝަލް' މަޗާ ވެސް ބާޒާރުގައި ވިއްކަން ވަނީ ފަށައިފަ އެވެ. ގޮތްނޭނގޭ ގޮވާން މުގުރާފައި 'އާޓިފިޝަލް' ކުލަ އެއްކޮށްގެން މަޗާގެ ނަމުގައި ވިއްކަ އެވެ. މިފަދަ އަގު ހެޔޮ މަޗާގައި ފްލޮރައިޑް އަދި ލެޑް ހުރުން އެކަށީގެންވެ އެވެ. އަދި ޓެސްޓް ނުކޮށް ހުންނަ މަޗާގެ ސަބަބުން ސިއްހަތަށް ގެއްލުންވެ އެކި ޒާތުގެ ބަލި ޖެހުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ.
މަޗާގެ ބާޒާރު މި ވަގުތު އޮތީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފަ އެވެ. މުސްތަގުބަލާ މެދު ޔަގީންކަމެއް ނެތެވެ. އެކަމަކު، މިފަދަ ކުއްލި ޓްރެންޑުތަކަކީ އާންމުކޮށް ދިމާވާ ކަމެކެވެ. މީގެ އަހަރުތަކެއް ކުރިން މަގުބޫލުވާން ފެށި "އޯގަނިކް" ކެއުން، "ގްލޫޓަން-ފްރީ" ބާވަތްތައް އަދި ދާދި ފަހުން ފެނުނު "ދުބާއީ ޗޮކްލެޓް" ޓްރެންޑަކީ މީގެ މިސާލުތަކެވެ. މަޗާއަކީ ވެސް ހަމަ އެފަދަ ބައިނަލްއަގްވާމީ ޓްރެންޑެއްކަން ޔަގީނެވެ.
މަޗާ ކަންތައް މާ މައްޗަށް ދަނީތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ