މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމައި އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.
އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށާއި، އަލުން ބާއްވައިދިނުމަށް އެ ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައިގައި ދަޢުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދަޢުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅުއްވައި، ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ތިން ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި މީހުންގެ ތެރޭގައި، މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރު ހިމެނިވަޑައިގަންނަވައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި ތިން ފަރާތުގެ ވަކީލަކީ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދުއެވެ.
މި މައްސަލައިގައި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ، ޕާޓީން މެމްބަރުން ވަކިކުރަން ޖެހޭ އުސޫލާއި އެއްގޮތައް ނޫންކަމަށް ކަނޑައަޅައިދޭން އެދި، ވަކިކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫންކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ