މެމްބަރު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ބޭރު ގައުމުތަކަަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މެމްބަރު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަައިގައި ބުނެފައި ވަނީ ގާނޫނުއަސާސީން ދިވެހީންނަށް ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށްގެން ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ޚިޔާލު ފާޅުކުރުމުން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ތައައްސުފީ ގޮތެއްގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިން ރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަން، ބޭނުން ހިފައިގެން ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދުގައި ފާޅުކުރާ ޚިޔާލަކާ ގުޅިގެން އެ މީހުންނާމެދު ތައައްސުފީ ގޮތެއްގައި ބައެއް ބޭރު ޤައުމުތަކުން ފިޔަވަޅުއަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމަށެވެ.
މިފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅު ނޭޅި، ދިވެހިންގެ ޙައްޤުތައް ކަށަވަރުކޮށްނުދެވި، ބޭރުގެ ދައުލަތަކުން ތައައްސުފީ ނިންމުންތައް ނިންމުމަށް ދޫކޮށްލެވިއްޖެނަމަ، އެކަމުގެ ރައްދުގައި ރާއްޖޭގައި އެ ޤައުމަކާއި އެ ޤައުމެއްގެ ރައްޔިތުންނާމެދު ނުރުހުމާއި ނަފުރަތު އުފެދި އެ ނަފުރަތުގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅުކަމެއް ހިނގައިދިއުމުގެ އިހުތިމާލު އެބައޮތް ކަމަށްވެސް މެމްބަރު ހުށަހެޅުއްވި މައްސަލާގައިވެއެވެ.
އަދި ދިވެހިން ދިވެހި ފަސްގަނޑުގައި ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން އެ ޚިޔާލު ފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބު ދޭން ފަށައިފިނަމަ އެކަމުގެ ސަބަބުން ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ބޭނުންކުރުމާއި ނުކުރުމުގެ އިޚުތިޔާރު ދިވެހިންގެ އަތުންބީވެ އެ ޙައްޤުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާވުމުގެ ބިރު އޮތްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ދައުލަތަކުން އެ ރައްޔިތުންނަށް އަދަބުދީފިނަމަ އެކަން ހުއްޓުވައި، އެފަދަ ހައްސާސް ކަންކަމުގައި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިންނަށްވީތީ ދިވެހި ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއް ނެތި ހުރިހާ ދިވެހިންނަށް ލިބޭނެ މަގުން އަމަލުކުރުމަށް ދިވެހި ސަރުކާރަށް މެމްބަރު ވަނީ ގޮވާލާފައެވެ.
މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 6 މެމްބަރަކު ވޯޓުދެއްވިއިރު 39 މެމްބަރަކު ވަނީ މި މައްސަލަ ބޭރުކުރުމަށް ވޯޓު ދެއްވާފައެވެ.
ޝިޔާމް މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިމިވަނީ އިންޑިޔާގައި ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި އޭނާ ހައްޔަރުކުރީ ކޮން ކުށެއްގެ ތުހުމަތެއްގައި ކަމެއް އަދި ސަރުކާރުން ހާމަކޮށްފައިނުވާ ވަގުތެއްގައެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، އިންޑިޔާއިން ހައްޔަރު ކުރީ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު ކަމަށެވެ.
މީގެއިތުރުން ސަމަދު ހައްޔަރުކުރީ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލުގައި އާއިލާއާއެކު ހުއްޓަ ކަމަށާއި، ސަމަދު ހައްޔަރުކުރީ ޕާސްޕޯޓުގައި މައްސަލައެއް އުޅޭތީކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ