ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ: ނާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮވެގެން އޮންނާތީ ކަންބޮޑުވާ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމަނިކުފާނަށް ފުރުސަތު އޮންނަން ވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.އެމްއެންޕީން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނައިރު ރިޔާސީ ރޭހަށް ނިކުންނެވުމަށް ނިންމަވާފައިވާ އަދި ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮތުމަކީ އޭނާ އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަންތައް ކަމަށެވެ."އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް މިއީ. ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ވާނެ އެބޭފުޅާ އަށް. އެއީ އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތަކީ. އެނޫން ހާލަތެއް އޮވެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ނާޒިމް ވިދާޅުވި އެވެ.ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ނާޒިމް ވިދާޅުވީ އޭނާ އަކީ ޖަލުގައި ވަރަށް ނިކަމެތިކަމާއެކު އޮންނަން ޖެހުނު މީހެއް ކަމަށާއި މީހަކު ޖަލަށްލާން އޭނާގެ އާއިލާ އިން ދުވަހަކު ވެސް ނޭދޭނެ ކަމަށެވެ. ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަގާފަތް ދުއްވާލަންޖެހޭ ކަމަށާއި މީހަކު ޖަލަށްލުމުން އެމީހެއްގެ އާއިލާ އަށް ކުރިމަތިވާ ހިތްދަތިކަން އިހުސާސްކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.އެމްއެމްޕީއާރްސީގެ މައްސަލާގައި ގިނަ ބަޔަކު ޝާމިލުވާ ކަމަށާއި ނަމަވެސް އެކަމުގައި އަދަބު ލިބެމުންދަނީ ހަމައެކަނި ޔާމީނަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ އެކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށާއި ރާއްޖޭގައި އެންމެންގެ މައްޗަށް ވެސް ކަންކަން ކުރެވިގެންދާން ވާނީ ހަމަހަމަކަމާއި އިންސާފުން ކަމަށް ނާޒިމް ވިދާޅުވި އެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެއީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ދަށު ކޯޓުގައި ސާބިތު ވެގެނެވެ. ރައީސް ޔާމީނަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.މީގެ ކުރީންވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް މި ސަރުކާރުގެ ބެލުމުގެ ދަށުން ރޭވި އިންތިޒާމް ވެގެން އިއްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ