މިމަހުގެ 19 ވަނަ ދުވަހު ރޯދަ އެލަވަންސް ފައިސާ ދެނީ

މި އަހަރުގެ ރޯދަ އެލަވަންސް މިމަހުގެ 19 ވަނަ ދުވަހު ދޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރައްވައިފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރޯދަ އެލަވަންސް މިމަހުގެ 19 ވަނަ ދުވަހު ދައުލަތުގެ މުވައްޒަފުންނަށް ދޫކުރާނެ ކަމަށެވެ.
މި ސާކިއުލާގައި ވާގޮތުން ޕޭ ލީވް ސްކޮލަޝިޕްގައި ތިބޭ މުވައްޒަފުންނާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުން، ރޯދަ އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވަނީ އަންގަވައިފައެވެ.
ނަމަވެސް އެފަދަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އޮފީހަށް ހާޒިރުވެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ މުވައްޒަފަކަށް އެ އަދަދަށް ރޯދަ އިނާޔަތް ދިނުމަށްވެސް ސާކިއުލާގައި އެދިވަޑައިގެންފައިވެއެވެ.
ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ