ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅު ރައްޔިތުން ވަރަށް ގިނަ: މެމްބަރު ޝިޔާމް

ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައިގައި އެކަމާއި ދެކޮޅު ރައްޔިތުން ވަރަށް ގިނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައިގައި އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ މިއަދު ހަވީރު 4:00ގައި ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން މި ހަރަކާތް ފެށިނަމަވެސް މި މަސައްކަތް މާލޭގެ ހުރިހާ ހިސާބެއްގައި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޮންލައިންކޮށްވެސް ޕެޓިޝަންގަ ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާ ރައްޔިތުން ދެކޮޅުކަން މިއަދު ހާމަވަމުންދާ ކަމަށެވެ.
ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ނިމުމުން ރައީސް އޮފީހަށާއި އަދި ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކާއި އިޓްލޮސްއަށްވެސް ޕެޓިޝަން ހުށަހަޅާނެ ކަމަށްވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރަމުންދާއިރު "ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަންގެ ނަމުގައި، އިޓްލޮސްގެ ހުކުމާއި ދެކޮޅަށް ވަލާކާތު ކުރަމުންދާ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންއިން އަންނަ ޖޫންމަހުގެ 2 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ޗާގޮސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގެ ފަރާތުން ވާހަކަ ދައްކަމުން އިދިކޮޅު ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި އުބުދުއްރަހީމް ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި، ތަފާތު ފިކުރުގެ ޕާޓީތައް އެކުވެގެން މި ނިކުންނަނީ ގައުމަށްޓަކާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ