ހަޅުތާލު ކުރުމަކީ ރަނގަޅު ކަމެއްކަމުގައި ބަލައިގަތް ދުވަސް މާޒީ ވެއްޖެ: އުމަރު

ކަންކަމާ ހިތްހަމަނުޖެހުމުން ރައްޔިތުން މަގުތަކަށް ނުކުމެ ހަޅުތާލުކޮށް، އަޑުގަދަކޮށް ހެދުން ފަދަ ކަންކަމަކީ ރަނގަޅު ކަންކަން ކަމުގައި ބަލައިގަތް ދުވަސްތައް މާޒީވެ ހިނގައްޖެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެން ހއ. ހޯރަފުށީގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ބޮޑެތި ކުށްތަކެއް ރާވައިގެން ހިންގުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، ސްކޫލުގެ ދަރިވަރުން ޓީޗަރުންނާ ދެކޮޅަށް ނުކުމެ އަޑުގަދަ ކުރުމާއި ރައްޔިތުން ނުކުމެ ކައުންްސިލާދެކޮޅަށް އަޑުގަދަކޮށް، ހަޅުތާޅު ކުރުން ފަދަ ކަންކަމަކީ ރަނގަޅު ކަންކަން ކަމުގައި ބަލައިގަތް ދުވަސްވަރެއް ފާއިތުވެގެން ހިނގައްޖެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ދަނީ، ގައުމުގެ އިޖްތިމާއީ އަދާލަތު ދަމަހައްޓައި، ކަންކަން ރަނގަޅު ކުރުވަމުން ކަމަށާއި ރާއްޖޭގައި ސުލްހަވެރިކަން ގާއިމުކޮށް، މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ. އެކަން ކުރުމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ވެސް ނައްތާލައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ އެދުން ކަމަށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކީ ޑިވިޜަން ލެވަލްގައި ގާއިމު ކުރާ ސްޓޭޝަނެއް ކަމަށާއި އެ ސްޓޭޝަން އިމާރާތް ކުރެވޭނީ ޒަމާނީ ފެންވަރަކަށް ޒަމާނީ ވަސީލަތްތަކާ އެކު ކަމުގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ. ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގައި ދެ ބުރީގެ އޮފީސް އިމާރާތަކާއި ތިން ބުރީގެ އެކަމަޑޭޝަން އިމާރާތެއްގެ އިތުރުން ގޮޅިބަރިއަކާއި ވެހިކަލް ޕާކްކުރާނެ ޝެޑެއް ހިމެނެ އެވެ. ހޯރަފުށި ޕޮލިސް ސްޓޭޝަންގައި ހިމެނޭ އެކަމަޑޭޝަން އިމާރާތުގައި އެކަމަޑޭޝަންގެ އިތުރުން ބަދިގެއަކާއި މެސްރޫމާއި ސްޓޯރޭޖް ރޫމަކާއި ލޯންޑްރީ ރޫމަކާއި ރެކްރިއޭޝަން ރޫމަކާއި ނަމާދުކުރާނެ ކޮޓަރިއެއް ހުންނާނެ އެވެ. އަދި އޮފީސް އިމާރާތުގައި އެޑްމިނިސްޓްރޭޝަނާއި އިންވިއު ރޫމްތަކާއި ރިސެޕްޝަނާއި މީޓިންގް ރޫމަކާއި ކުލާސް ރޫމަކާއި އިންޗާޖް އޮފީހަކާއި އޮޕަރޭޝަން ރޫމެއް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ