ޗާގޯސްގެ މައްސަލާގެ އެއްވުމުގައި ބައިވެރިނުވާން ގާސިމް އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ތިބެން ވާނީ ގައުމު ހަލަބޮލި ނުވާނެ ވިސްނުމެއްގައި ކަމަށާއި ފޯޅަވަހި ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި އެއްވެސް މެންބަރަކު ބައިވެރި ނުވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.ހުކުރު ދުވަހު ބާއްވަނީ އިހުތިޖާޖު ކުރުމުގެ އެއްވުމެކެވެ. "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މި ނަމުގައި މި ބޮޑު އެއްވުން ބާއްވަނީ އިދިކޮޅު ޕީޕީއެމުން އިސްވެ އުފައްދައިގެން އުޅޭ، ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދަކުންނެވެ. އެއްވުން ބޭއްވަނީ ހުކުރު ދުވަހުގެރޭ 8:30 ގައި މާލޭގެ އަލިމަސް ކާނިވަލުގަ އެވެ. މި މައްސަކަތުގެ އިއްތިހާދުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތައް ފިޔަވާ އެހެން ގިނަ ސިޔާސީ ޕާޓީތަކެއް ބައިވެރި ވެއެވެ. ގާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ. "ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ،" އެ މެސެޖުގައި ލިޔުއްވައިފައިވެ އެވެ.ޕާޓީގެ މެމްބަރުންނަށް ގާސިމް ހަނދާން އާކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީތަކުން މެއި 1، 2015 ގައި ބޭއްވި "މޭޑޭ މުޒާހަރާ"ގެ ނަތީޖާ ނުކުތް ގޮތެވެ.ގާސިމް ވިދާޅުވީ މޭޑޭގެ މުޒާހަރާއިން ނުކުންނާނެ ކަމަށް ލަފާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި އެ މުޒާހަރާގައި ވެސް ޖުމްހޫރީ ޕާޓީން ބައިވެރިނުވަން ނިންމީ ނަތީޖާ ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ."ވިސްނުންތެރިކަމާއި އެކު ބައިނަލް އަޤްވާމީ މާހިރުންގެ ލަފާއާއި އެކު އިޓްލޮސް ގެ ނިންމުން ބަދަލު ކުރެވޭނޭ އެންމެހާ މަގުތަކެއް ހޯދޭތޯ ހުރިހާ ބޭފުޅުންވެސް ބުރަކޮށް މަސައްކަތް ކުރެއްވުން އެއީ ހަޤީޤީ ނަތީއްޖާ އެއް ހާސިލް ވާނެ މަގުކަމުގައި އަޅުގަނޑު ދެކެމެވެ." ގާސިމް ވިދާޅުވިއެވެ."އެހެންކަމުން 2 ޖޫން ގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައި ނުގަތުމަކީ އަޅުގަނޑުގެ އިހްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ