ހައިކޯޓުގެ އިސް ގާޒީ ކަމަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވި!

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް އެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވި އެވެ.ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ކުރިން އިއުލާންކޮށްފަ އެވެ. އެކަމަށް ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ.އެނގިފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު ވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ކުރިމަތިނުލައްވަ އެވެ. ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލައްވާނެ ބޭފުޅަކު ނުވެ ދިޔަ މިއީ ފުރަތަމަ ފަހަރެވެ.ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ. ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ވެސް ކުރިމަތިލީ އެންމެ ބޭފުޅަކު ކަމަށް އެނގިފައިވެ އެވެ.ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ވެސް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެކަމަށް ހުޅުވާލި ފުރުސަތު އަދި ބަންދެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ