ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަނީ

އާސަންދައިން ހަރަދުކޮށްގެން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ ކެންސަރު ބަލީގެ އެކި ފަރުވާތަކަށް ފޮނުވާ މީހުން ކަމަށްވާއިރު، މިދިޔަ އަހަރު އެ ބަލީގެ ފަރުވާއަށް 2،000 މީހުން ރާއްޖޭން ބޭރަށް ފޮނުވި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭން ބޭރަށް އެންމެ ގިނަ މީހުން ފޮނުވީ ކެންސަރުގެ އެކި ފަރުވާތަކަށާއި ރާއްޖޭން ނުހެދޭ އުނދަގޫ ޓެސްޓްތައް ހަދަން ކަމަށެވެ. އެހެން ވިދާޅުވެ، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވި މީހުންގެ އަދަދުތައް އޭނާ ހާމަކުރެއްވި އެވެ.
"ދެހާސް ތޭވީސް ވަނަ އަހަރު 1،638 މީހުން ވަނީ ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވިފައި. ދެހާސް ސައްވީސް ވަނަ އަހަރު މި އަދަދު ވަނީ 1،996 އަށް އިތުރުވެފައި. ދެހާސް ފަންސަވީސް ވަނަ އަހަރު މި އަދަދު ވަނީ 2،000 އަށް ވުރެ މައްޗަށް އަރައިފައި،" ގީލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވި މީހުން ވެސް ހިމެނެ އެވެ. އަދި ކައިރި ގައުމުތަކުގައި ދިރިއުޅޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ކެންސަރަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ، ފަރުވާކޮށްފި ނަމަ ފުރާނަ ސަލާމަތްކުރެވޭ ބައްޔަކަށް ވާތީ ބަލި ދެނެގަތުމުގެ ހިދުމަތް ފެށުމަކީ މި ސަރުކާރުން ކުރި އެންމެ މުހިއްމު މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހިދުމަތް މިހާރު ވަނީ މާލެ އާއި އަތޮޅުތަކަށް ފުޅާކޮށްފަ އެވެ.
އުރަމަތީގެ ކެންސަރަށް ސްކްރީންކުރަން ހަދާ މެމޮގްރަފީގެ ހިދުމަތް މާލެ ސަރަހައްދާއި ފަސް ރީޖަނަލް ހޮސްޕިޓަލަކާއި ފުވައްމުލަކު ހޮސްޕިޓަލާއި ބ.އަތޮޅު ހޮސްޕިޓަލުގައި މިހާރު ގާއިމްކޮށްފައިވާ ކަމަށް ވެސް ގީލާ ވިދާޅުވި އެެވެ. 
"އަދި މިހާތަނަށް 750 މީހުން ވަނީ މި ހިދުމަތް ރާއްޖޭގައި ތިބެގެން ހޯދައިފައި،" ގީލާ ވިދާޅުވި އެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓެސްޓްކުރުމުގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
ކެންސަރަށް ދޭ ފަރުވާއެއް ކަަމަށްވާ ކީމޯތެރަޕީއަކީ މިހާރު ރާއްޖޭގައި ތިބެގެން ވެސް ހޯދޭނެ ފަރުވާއަކަށް ވާތީ، އެ ހިދުމަތް ރާއްޖޭން ބޭރުން ހޯދީ އެންމެ 39 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. 
ކެންސަރަށް ފަރުވާ ކުރަން ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ވެސް ފަސް އެނދުގެ ފެސިލިޓީއެއް ގާއިމްކޮށްފައިވާ ކަމަށާއި ކެންސަރު ބަލީގެ ކުރީކޮޅު ދެނެގަނެވި ފަރުވާ ދެވޭ މީހުންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ