ބްރެޒިލްގައި މަޑުކުރަން އަންޗެލޮޓީ އިޓަލީ އަށް ނޫނެކޭ ބުނެފި

މިލާން (ޖުލައި 24) - ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުރުމަށްޓަކައި، އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުން ލިބުނު ވަޒީފާގެ ފުރުސަތު، މަޝްހޫރު ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީ ދޫކޮށްލައިފި އެވެ. 
ޖެހިޖެހިގެން ތިން ވަަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، މިދިޔަ އޭޕްރީލް މަހު އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދިނުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. 
ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ ލީޑަޝިޕްގެ މަގާމުގައި ހުރި އެކި ފަރާތްތަކުން ވެސް ވަނީ އިސްތިއުފާދީފަ އެވެ. 
އެ ގޮތުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ. މަލާގޯ އާއި މަލްޑިނީ އަދި ލިއޮނާޑޯ ގުޅިގެން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ، މެންޗެސްޓާ ސިޓީ ކޯޗުކަން 10 އަހަރަށް ފަހު ދޫކޮށްލި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ، އިޓަލީ އަށް ގެނައުމަށެވެ. 
އެހެން ނަމަވެސް، ދާދި ފަހުން، އިޓަލީގެ ނޫހަކަށް މަލްޑިނީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެންމެ ފުރަތަމަ މަސައްކަތްކުރީ އަންޗެލޮޓީ ގެނައުމަށް ކަމަށެވެ. 
"އަހަރެމެންނަށް މިކަން ފޮރުވެން ނެތް، ޕެޕް (ގާޑިއޯލާ)އާ ވާހަކަ ދެއްކުމުގެ ކުރިން އަހަރެމެން މި ވަޒީފާ އޮފާކުރީ ކާލޯ (އަންޗެލޮޓީ) އަށް. އެއީ، މި ވަޒީފާ އަށް އަހަރެމެން އެންމެ ފުރަތަމަ މުޅި ދުނިޔެ އިން ހޮވާލި ފަރާތަކީ އެއީ،" މަލްޑިނީ ބުންޏެވެ. 
ކުރިން މަލްޑިނީއާ އެކު، އޭސީ މިލާނާއި އިޓަލީ އަށް ކުޅުނު އަންޗެލޮޓީ ވަނީ ފަހުން، މިލާނުގައި މަލްޑިނީ އަށް ކޯޗުވެސް ކޮށްދީފަ އެވެ. ޔޫރަޕްގެ ގިނަ ކްލަބްތަކެއްގެ ކޯޗުކަން ކުރި އަންޗެލޮޓީ، ބްރެޒިލް ޓީމާ ހަވާލުވީ މިދިޔަ އަހަރު އެވެ. އެއީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މިދިޔަ މެއި މަހު، އަންޗެލޮޓީ ވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ބްރެޒިލްގެ ކޯޗުގެ މަގާމުގައި ހުރުމަށްޓަކައި، އެއްބަސްވުން އާ ކޮށްފަ އެވެ. 
އިޓަލީން މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ ގާޑިއޯލާގެ މުސާރައިގެ ޑިމާންޑާ އެއްގޮތަށް އުސޫލުތައް ބަދަލުކުރަން ވެސް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އޮތީ ތައްޔާރަށެވެ. އެ ގޮތުން، ގާޑިއޯލާ ވަނީ، އިޓަލީ ކޯޗުކަމާ ހަވާލުވާން އަހަރަކަށް 23 މިލިއަން ޑޮލަރަށް ޑިމާންޑްކޮށްފަ އެވެ. 
މަލްޑިނީ ބުނީ، މި ވަގުތު މަޝްވަރާ ކުރަމުން އަންނަ ކަންކަމުގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރުމަކީ، މި ކަމުގައި ޝާމިލުވާ ފަރާތްތަކަށް އެންމެ ރަނގަޅަށް އިހުތިރާމް އަދާކުރުން ކަމުގައި ނުވާނެ ކަމަށެވެ. އެހެންކަމުން، މި ކަންކަން ނިމުނުހާ އަވަހަކަށް މީޑިއާ އަށް ހުރިހާ ކަމެއް ސާފުވެގެންދާނެ ކަމަށް މަލްޑިނީ ވަނީ ބުނެފަ އެވެ. 
ގާޑިއޯލާ ގެންނަން ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެނަމަ، ދެން، އިޓަލީގެ ވިސްނުން ހުރީ، ރޮބާޓޯ މަންޗިނީ ނޫނީ އަންދްރޭ ޕިރްލޯއާ ޓީމު ހަވާލުކުރާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ