އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ނިޔާޒު ވަކިކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ސ. މީދޫ، ހަސަންކާރިގެ، އަޙުމަދު ނިޔާޒު ވަކިކޮށްފިއެވެ. ނިޔާޒު މި މަގާމުތަކުން ވަކިކޮށްފައިވަނީ މިއަދުން ފެށިގެންނެވެ. އަޙުމަދު ނިޔާޒަކީ 5 ނޮވެމްބަރު 2007 އިން ފެށިގެން އެމްޓީޑީސީގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާއަކީ ތަޢުލީމީ ދާއިރާއިންނާއި މެނޭޖްމަންޓް ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ކާޑިފް މެޓްރޯޕޮލިޓަން ޔުނިވަސިޓީން މާސްޓަސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފައިވާއިރު، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަސިޓީގެ އިންސްޓިޓިއުޓް އޮފް ޑައިރެކްޓަޝިޕްއިން ޑިޕްލޮމާ އިން ޑައިރެކްޓަޝިޕްވެސް ވަނީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، ނިޔާޒު ވަނީ އިގްތިސާދު، ޕޮލިޓިކަލް ސައިންސް އަދި ސޯޝިއޮލޮޖީގެ ދާއިރާއިން ބެޗްލަސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ސްކޫލް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވުމަށްފަހު، 10 އަހަރަށްވުރެ ގިނަ ދުވަހު ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އަތޮޅުތަކުގެ އެކި ސްކޫލްތަކުގެ ހެޑްމާސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. މަތީ ތަޢުލީމުގެ އިތުރުން، ޕްރޮޖެކްޓް މެނޭޖްމަންޓް، ލީޑަޝިޕް ޓްރެއިނިން އަދި ޑައިރެކްޓަރުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެއާއި ރާއްޖޭއިން ބޭރުން ނިޔާޒު ވަނީ ފުރިހަމަކުރައްވާފައެވެ. އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އޭނާ ވަކިކުރި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފައްދަވާފައިވާ އެމްޓީޑީސީއަކީ މާ ބޮޑު ފައިދާއެއް ނެރެވޭ, އަދި މާ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ ކުންފުންޏެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ