ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަހީދު ވަނީ ދެއްވާފައި: އުމަރު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިރޭ ދިޓިވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެމަނިކުފަނު ވާދަ ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވަނީ އިއްތިހާދުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރެވިއްޖެ ނަމަ ފުރަތަމަ ބުރުން މިހާރުގެ ސަރުކާރު ހިންގާ ފަރާތްތައް ވަރަށް ފުރިހަމަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ ރައީސް ވަހީދު 2013ގައި ވާދަކުރައްވާނެ ހެނެއް. ސަބަބަކީ ރައީސް ވަހީދު ވަނީ އިއްތިހާދަށް ޔަގީން ކަން ދެއްވާފައި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް. އެހެންވީމަ ރައީސް ވަހީދު 2013ގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަން އެއީ އަޅުގަނޑު މެންނަށް ޔަގީން ވެފައިވާ ކަމެއް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްތިހާދުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމް ފިޔަވައި ދެން ހުރި ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓުން މިހާރު ވެސް އިއުލާންކޮށްފައި ވުމާ އެކު ރިޔާސީ ޓިކެޓް ބޭނުންވާ އެއްވެސް ފަރާތަކަށް އެ ޓިކެޓް ލިބޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
"ކޮންމެ ބަޔަކު ވެސް އެބައެއްގެ ސައިޒާއި ސަޕޯޓް އޮތްވަރު ދެނެގަންނަން ޖެހޭ. އެންމެ ސަޕޯޓް ބޮޑު ޕާޓީތަކަށް ޖާގަދޭން ޖެހޭ. އެންމެ ބޮޑު ޕާތީތައް މިއޮތީ ކުދި ޕާޓީތައް ގޮވައިގެން ދަތުރު ކުރާގޮތަށް. އެހެން ވީމާ އިއްތިހާދުގެ ތެރެއިން އެންމެ ތާއިދު ބޮޑު ޕާޓީގެ ކެންޑިޑޭޓްހެން ހީވަނީ ނެރޭނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ނެރޭނީ ޕްރައިމަރީއަކުން ކަމަށާއި އެ ޕްރައިމަރީގައި އޭނާ ވެސް ވާދަކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫނު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އެއްވެސް ސިގުނަލެއް ދެއްވާފައި ނުވާ ކަމަށާއި އެމަނިކުފާނު ވާދަކުރައްވާ ނަމަ އެންމެ ކުރީގައި ދިދަ ހިފައިގެން އެއް ވަނަ އަށް އޭނާ ހުންނަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިދަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ވިސްނަމުން. އަޅުގަނޑު އެފަދަ ޕްރައިމަރީއަކުން ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ރައީސް މައުމޫން އެއްވެސް ކަމަކަށް ނުކުންނަވައިފި ނަމަ އެމަނިކުފާނުގެ ފަހަތްޕުޅުގައި އެންމެ ފުރަތަމަ ދިދަ ހިފައިގެން ހުންނާނެ އެކަކީ އަޅުގަނޑު،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ