ހަށިގަނޑުގެ 20 ތަނަކަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މެރި ކަމަށް ސާބިތުވި ކުޑަކުއްޖާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމަށް ތާއިދު ކޮށްދިނުމަށް، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
މީގެ ހަ އަހަރު ކުރިން، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ގޯޅި ތެރޭގައި ބޮބީއަށް ހަމަލާދީ މަރައިލި މައްސަލައިގައި ހަ މީހަކަށް ދައުވާ އުފުލިއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. ކުށް ސާބިތުވީ ހަމައެކަނި ދެ ކުއްޖެއްގެ މައްޗަށެވެ. އެއް ކުއްޖަކު މިނިވަން ވެފައިވާއިރު، އެހެން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަދިވެސް ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގައެވެ.
ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ފެށީ މަރަން ހުކުމްކޮށްފައިވާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އިސްތިއުނާފު އަޑުއެހުންތަކެވެ. ކުށް ކުރިއިރު، ކުޑަކުއްޖަކަށް ވިޔަސް، މިހާރު 18 އަހަރު ފުރިފައިވާ އެ ޒުވާނާގެ ފަރާތުން ހައި ކޯޓުން ކުރި މަރުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅީ އޭނާއަށް ކުރި ހުކުމަކީ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިވާ ހުކުމަކަށް ނުވާ ކަމަށް ބުނެއެވެ.
ނަމަވެސް ދައުލަތުން އެދުނީ އޭނާ މެރުމަށް ދަށު ކޯޓުން، ހުކުމްކޮށް ހައި ކޯޓުން ތާއިދުކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދު ކޮށްދިނުމަށެވެ. އަދި ގަސްތުގައި މީހަކު މަރާލިކަން ސާބިތުނުވެއްޖެ ނަމަ، ބޮބީ މަރާލުމުގައި އޭނާ ބައިވެރިވި ކަމަށް ކަނޑައަޅައި އުމުރު ދުވަހަށް [25 އަހަރަށް] ޖަލަލަށްލުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދަށު ކޯޓުން ކޮށްފައިވާ ހުކުމާ މެދު ޝައްކުތަކެއް އުފައްދައި ދިފާއުގައި ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ވަނީ ކަންތައްތަކެއް ފާހަގަ ކޮށްފައެވެ. އެގޮތުން ކުށް ސާބިތު ކުރުމަށް ހެކިބަސް ދިން ތިން މީހުންގެ ތެރޭގައި އަދުލުވެރި ކަމެއް ނެތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ ކުށް ސާބިތުވެފައިވާ މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަކީ ފާސިގުން ކަމަށާއި ފާސިގުންގެ ހެކިބަސް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ދިފާއީ ވަކީލު ސުޕްރީމް ކޯޓުގައި ވިދާޅުވިއެވެ.
ފާސިގެއް ކަމަށް ބުނާ ހެކިވެރިޔާ ޖުވެނައިލް ކޯޓުގެ ޝަރީއަތަށް ސިއްރުން ހެކިބަސް ދިނުމަށް ފަހު، ހެކިބަހާ މެދު އިންކާރުކޮށް އޭނާ ޖުވެނައިލް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށް ޝަރީއަތަކަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެއެވެ. އެކަމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައި ވަނީ އޭނާގެ ނަމުގައި ޖުވެނައިލް ކޯޓަށް ސިޓީއެއް ފޮނުވީ ބިރުދައްކައިގެން ކަމަށާއި ހެކިވެރިޔާއަށް ބިރުދެއްކި ހައި ކޯޓުގެ ޝަރީއަތަށް ފުލުހުން ކިޔައިދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ކުރިން ދިން ހެކިބަސް ދެމި އޮންނާނެ ކަމަށް ދައުލަތުން ބުނެއެވެ.
ކުށް ސާބިތު ކުރުމަށް ހެކިބަސް ދިން ދެ މީހުންގެ ތެރެއިން އެކެއްގެ ހެކިބަހާ މެދު ސުވާލު އުފެއްދި ނަމަވެސް، ބޮބީ މަރާލުމުގައި ދެ ކުޑަކުއްޖަކު ބައިވެރިވިކަން ދެ މީހުންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ އެހެން ހެކިތަކުން ސާބިތުވާ ކަމަށެވެ.
އެގޮތުން ބޮބީ މަރާލިކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ސީސީޓީވީ ފޫޓޭޖާއި ދައުވާ ލިބޭ މީހުންގެ ފޯން ކޯލް ރިކޯޑިންތަކެއް ހުށަހަޅާފައެވެ. އަދި ބޮބީއަށް ހަމަލާދިނުމަށް ފަހު، އޭގެ ތެރެއިން އަނިޔާވި ބައެއް މީހުން، އޭޑީކޭ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައި ވެއެވެ. އެކަން ސާބިތު ކުރުމަށް ވެސް ދައުލަތުން ވަނީ ހެކިތަކެއް ހުށަހަޅާފައެވެ.
ބޮބީ މަރާލި ކަމަށް ސާބިތުވި ކުޑަކުއްޖާ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ސުޕްރީމް ކޯޓުގެ ޝަރީއަތަށް އަންގާރަ ދުވަހު ހާޒިރު ކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއާ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން ކުށުގެ ރެކޯޑެއް އޮވޭތޯ ފަނޑިޔާރަކު ސުވާލު ކުރުމުން އޭނާ ބުނީ މާރާމާރީ ހިންގި ކަމަށާއި އެކަން ޝަރީއަތަށް ވެސް ސާބިތުވެފައިވާ ކަމަށެވެ. ނަމަވެސް ބޮބީއަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށް އެ ޒުވާނާ ބުންޏެވެ.
އޭނާއާ އެކު މަރަން ހުކުމް ކުރި އަނެއް ކުއްޖާއަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާތީ ފަނޑިޔާރުން ހޯމަ ދުވަހު ވަނީ ދައުލަތާ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން މަރުގެ މައްސަލަތައް ދައުލަތުން ބޭނުންވާ ގޮތަށް ދަށު ކޯޓުން ނިންމިޔަސް، މަތީ ކޯޓުތަކަށް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ ގޮތަށް ސުޕްރިމް ކޯޓުން ސާކިއުލާއެއް ނެރެފައިވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ އެކަން ހިނގާފައިވާ ގޮތް ބަލައި، ދެން އޮންނަ ޝަރީއަތެއްގައި އެކަން ސާފުކޮށްދޭނެ ކަމަށެވެ.
ބޮބީ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާއަށް ދިން ހަމަލާތަކުގައި ހަށިގަނޑުގެ 20 ތަނަކަށް ވަޅިން ހަމަލާދީފައި ވެއެވެ. ދިހަ މީހަކު ވެގެން އޭނާއަށް ދިން ހަމަލާތަކުގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ބޮލުން ބައެއް ވަކިވި ކަމަށް ވެއެވެ.
ބޮބީގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖާގެ މައްޗަށް ސުޕްރީމް ކޯޓުން ހިންގާ ޝަރީއަތަކީ ބޮބީގެ މަރާ ގުޅިގެން ދައުވާ ލިބޭ މީހަކަށް ޝަރުއީ އެންމެ ފަހު މަރުހަލާގައި ކުރިއަށްދާ ހަމައެކަނި މައްސަލައެވެ. އަދި އެ މައްސަލައަކީ ކުޑަކުއްޖެއްގެ މައްޗަށް ކުރި މަރުގެ ހުކުމަކާ ގުޅިގެން، ސުޕްރީމް ކޯޓުގައި ހިންގާ ފުރަތަމަ ޝަރީއަތެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ބޮބީގެ މަރު: ކުޑަކުއްޖާ މަރަން ތާއިދު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ