އިނާމު ފައިސާ އިން ދީމާ ފްލެޓް ގަތްކަން ހާމަކުރުމުން މަހްލޫފަށް ފާޑުކިޔައިފި

ގައުމީ ފެންވަރުގައި ޓޭބަލް ޓެނިސް ކުޅެގެން ހޯދި އިނާމު ފައިސާ އާއި އެކި އެކި ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާއިން ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް އޭނާގެ މައިންބަފައިން ފްލެޓެއް ގަނެދިންކަން ހާމަކުރުމުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފަށް ގިނަބަޔަކު ފާޑު ކިޔައިފި އެވެ. މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އިނާޔަތްތަކަށް ގެނައި ހެޔޮ ބަދަލާ އެކު، ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާކަމަށެވެ. އަދި އެ ބަދަލުތަކާ އެކު އުމުރުން އެންމެ 12 އަހަރުގެ ޓީޓީ ކުޅުންތެރިޔާ ދީމާ އަލީއަށް ކުޅިވަރުން ލިބުނު އިނާޔަތްތަކުގެ ފައިދާއިން ފްލެޓެއް ގަނެފައިވާ ކަމަށް އޭނާ ބައްޕަ ބުނެފައިވާ ކަމަށެވެ. ނަމަވެސް މި ޓްވީޓްގެ ސަބަބުން އާއްމުންގެ ފަރާތުން މިނިސަޓްރު މަހްލޫފަށް ވަނީ ގިނަ ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ސަރުކާރުން ދިން ފައިސާއިން ކުޅުންތެރިން ކުރަނީ ކޮން ކަމެއްތޯ ބަލަން ނުޖެހޭނެ ކަމަށާއި ކުޑަ ކުއްޖެއްގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާއެއް ހޯދުމަށް މަހްލޫފް ޖެއްސި ސްޓަންޓް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. "އެކުއްޖާ އެ ލާރިން ފްލެޓެއް ގަތް ނަމަވެސް އެކަން އިއުލާން ކުރުމަކީ ކުއްޖާއަށް ނޭދެވޭ ގޮތެއްގައި އެޓެންޝަން ލިބިގެންދާނެ ކަމެއް،" ޒުވާނަކު މަހްލޫފްގެ ޓްވީޓާ ގުޅުވައިގެން ކުރި ޓްވީޓެއްގައި ބުންޏެވެ. https://twitter.com/H_mt7700/status/1226249825278025728 މަހްލޫފްގެ އެ ޓްވީޓާ ގުޅުވައިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޭނާ ވަނީ އިތުރު ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ. "ހަސަދަވެރި ނުވާށޭ، އެއީ އެންމެ 12 އަހަރުގެ ކުއްޖެއް، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ގޮތް މިންވަރު ކުރައްވާށި،" މަހުލޫފް ފަހުން ކުރި ޓްވީޓެއްގައި ބުންޏެވެ. ދީމާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ބައިނަލް އަގުވާމީ ފެންވަރުގެ ސަރަހައްދީ އެންމެ ބޮޑު ދެމުބާރާތުން ރާއްޖެއަށް ހަތަރު މެޑަލް ހޯދައިދީފަ އެވެ. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ތިން ރަން މެޑައްޔާއި ސައުތު އޭޝިއަން ގޭމްސްގައި ހޯދި ލޯ މެޑައްޔެވެ. https://twitter.com/AhmedMahloof/status/1226447517698555904 އަދި މިދިޔަ އަހަރު ހޯދި ކާމިޔާބީތަކާ އެކު ސަރުކާރުން އޭނާއަށް އިނާމު ފައިސާގެ ގޮތުގައި ބޮޑު ހަރަދެއް ކޮށްފައިވާ އިރު އިއްޔެގެ ޓްވީޓް މަހްލޫފް ކުރެއްވީ ދީމާގެ އާއިލާގެ ރުހުމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ