ގައުމީ ޔުނިވަސިޓީއަށް ބޭނުންވާ ބަޖެޓް ހޯދައިދޭން މަސައްކަތް ކުރާނަން: ގާސިމް

ގައުމީ ޔުނިވަސިޓީގެ ބަޖެޓުން އަންނައަހަރު މަދުވާ 32 މިލިއަންރުފިޔާ އެޔުނިވަސިޓީގެ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށާއި އެކަމަށް ބާރު އަޅާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޔުނިވަސިޓީގެ ބޭފުޅުން ހާޒިރުކޮށް ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހިރައްޖޭގެ ތަޢުލީމަށް ގައުމީ ޔުނިވަސިޓީން ކުރަމުންގެންދާ ހިދުމަތްތައް އެމަނިކުފާނު ބަލައިގަންނަ ކަމަށެވެ. އެހެންކަމުން އެ ޔުނިވަސިޓީގެ ބަޖެޓުގައި ހިމެނުމަށް އެފަރާތުން އެދިފައިވާ އަދަދު ބަޖެޓުގައި ހިމަނައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ބަޖެޓު އިސްލާހުކުރުމުގެ ތެރެއިން ގައުމީ ޔުނިވަސިޓީއަށް އެކަށީގެންވާ ބަޖެޓެއް ހޯދައިދިނުމަކީ ކޮމިޓީގެ މެންބަރުން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުންގެ ތާއީދުވެސް އެކަމަށް އޮންނާނެ ކަމަށެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ވަނީ ގައުމީ ޔުނިވަސިޓީގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލްއާއި، ކަސްޓަމްސް އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޭފުޅުންވެސް ހާޒިރުކުރައްވާފަ އެވެ.
މިބައްދަލުވުންތަކުގައި އެއިން ކޮންމެ މުއައްސަސާއަކުން ވެސް ވަނީ އެމުއައްސަސާއަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ކަންބޮޑުވުންތަކާއި އެއްގޮތަށް ބަޖެޓަށް ބަދަލު ގެނެސްދެއްވުމަށް އެ މުއައްސަސާތަކުގެ ވެރިން ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދުގެ ބައްދަލުވުމަށްފަހު ކޮމިޓީގެ ނައިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވީ ކޮމިޓީން ބައްދަލުކުރަން ބޭނުންވި މުއައްސަސާތަކާ މިއަދު ބައްދަލުކޮށް ނިމުނީ ކަމަށާއި، މާދަމާ ކުރިއަށްގެންދާނީ ފިނޭންސް މިނިސްޓަރު ހާޒިރުކޮށް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވޭނެ ބަދަލުތަކާއިމެދު މަޝްވަރާކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ