އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީންގެ ތާއީދު އުޅެނީ ޖުމްހޫރީ ގުޅުމަށްވުރެ މާފަހަތުގައި ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ރަށްރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ދަތުރުތައް ނިންމަވާ ލައްވާ މާލެ ވަޑައިގެން އެއް ނަމްބަރު ފާލަމުގައި ހުރެ ޖުމްހޫރީ ގުޅުމުގެ ކެނޑިޑޭޓް ގާސިމް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުންނާއި އެކިއެކި ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމް އުޅެނީ މާދަށުގައި ކަމަށާއި އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުއަށް ވުރެ ގިނަ ވޯޓު އެމަނިކުފާނަށް ލިބިލައްވާނެ ކަމަށެވެ.
"ޔާމީން އާއި އަޅުގަނޑުމެންނާ ހުރި ތަފާތު ވަރަށް ބޮޑު. ހުރިހާ ޕޯލްތަކުން ދައްކާގޮތުގައި ހަމަ ކަށަވަރުން ވެސް ޕީޕީއެމް އުޅެނީ އަޅުގަނޑުމެންނަށް ވުރެ މާދަށުގަ. އަދި އެމްޑީޕީވެސް މިހާރު ދަށަށް ހިނގައްޖެ އަޅުގަނޑުމެންނަށްވުރެ،" ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް އަދި ރާއްޖޭ މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އިތުރަށް ގާސިމް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ދައުލަތުގެ އިއްޒަތްތެރިން ކަމަށްވާ އިލްޔާސް އިބްރާހިމުއާއި ސަމަރުބްލޫ އިބްރާހިމް މަނިކު އަދި އަބްދުﷲ ކަމާލުއްދީންމެން ފަދަ ބޭފުޅުން ޖުމްހޫރީ ގުޅުމާ ގުޅިވަޑައިގެންނެވުމުން ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަމަށެވެ. އަދި ހާއްސަކޮށް އިލްޔާސް އިބްރާހިމް އާއި އައްބާސް އިބްރާހިމް ނަން ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އިލްޔާސް އާއި އައްބާސް ޕީޕީއެމްއަށް ތާއީދު ނުކުރަށް ނިންމާފައިވަނީ ރައީސް މައުމޫންގެ ބަދަލުގައި ޔާމީން ނުކުންނެވުމުން ކަމަށާއި، ޕީޕީއެމްގެ ފަރާތުން ރައީސް މައުމޫން ނިކުންނެވިނަމަ މައުމޫންގެ އަރިހުގައި ހުންނަވާނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޕީޕީއެމް އުޅެނީ އަޅުގަނޑުމެންނަށްވުރެ މާފަހަތުގައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ